އައިފޯން16ގެ ކެމެރާތައް ހުންނާނީ ފަހުގެ ފޯންތަކާ ތަފާތުކޮށް

އައިފޯން 16ގެ ސްޓޭންޑަޑް ފޯންގެ ލޭއައުޓް ކަމަށް ލަފާކުރާ ފޮޓޯއެއް --

އެޕަލްގެ އައިފޯން 16 ސީރީޒް އުފައްދާނީ ފަހަތު ކެމެރާތައް ސީދަލަށް, ވާޓިކަލްކޮށް ހުންނަ ގޮތަށްކަމަށް އެފަދަ މައުލޫމާތު ލީކުކުރާ ފަރާތަކުން ބުނެފިއެވެ.

އައިފޯން 16ގެ ކެމެރާ މޮޑިއުލް ކަމަށް ބުނާ ފޮޓޯއެއް ލީކުވެފައިވާއިރު، މި ފޯނު ވާނީ އައިފޯން 12އަށް ފަހު ވާޓިކަލްކޮށް ކެމެރާ ހުންނަ ފުރަތަމަ މޮޑެލްއަށް ކަމަށް ބެލެވެއެވެ.

މިދާއިރާގެ ވަރަށް ގިނަބަޔަކު އިތުބާރު ކުރާ މިލީކްގައިވަނީ، އައިފޯން 16 ސީރީޒްގައި ފަސް މޮޑެލް ހިމެނޭނެ ކަމަށާއި 6.7 އިންޗީގެ ޕްލަސް މޮޑެލްގެ ބަދަލުގައި "ޕްލަސް އެސްއީ" މޮޑެލްއެއް ހިމެނޭނެ ކަމަށް ބުނެފައެވެ.

އައިފޯން 16ގެ ކެމެރާ މޮޑިއުލްގެ ފޮޓޯކަމަށް ބުނެ އެކްސްގައި "މާޖިން ބޫ" ހިއްސާކުރި ފޮޓޯއަކުން މި ފޯނުގައި ވާޓިކަލް ކެމެރާ ލޭއައުޓެއް ހުންނާނެ ކަމަށް މީގެ ކުރިން ދެކެވުނު ވާހަކަތައް ބާރުލިބެއެވެ.

އައިފޯން 16 ސީރީޒްގެ ސްމާޓްފޯންތަކުގެ ރެންޑާތަކެއް ކަމަށް ބެލެވޭ ފޮޓޯތަކެއް ބޫ ވަނީ ލީކުކޮށްލައިފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އައިފޯން 15 ލައިންއަޕްއާ ޚިލާފަށް މި އަހަރު އެ ކުންފުނިން ފަސް މޮޑެލެއް ނެރޭނެއެވެ. އެއީ އައިފޯން 16 އެސްއީ، އައިފޯން 16 ޕްލަސް އެސްއީ، އައިފޯން 16، އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްއެވެ.

އައިފޯން 16 ސީރީޒް ފެންނާނެ ގޮތް ކަމަށް ލަފާކޮށްފައިވާ ގޮތް --

އައިފޯން އެސްއީ މޮޑެލްތަކުގައި ފަހަތު އެއް ކެމެރާ ފެންނައިރު ސްޓޭންޑާޑް އައިފޯން 16 މޮޑެލްގައި ވާޓިކަލް ލޭއައުޓެއްގައި ދެ ކެމެރާ ހުރެއެވެ.

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްގައި އެއް ލައިނަކަށް ތިން ކެމެރާ ހަރުކޮށްފައިވާ މަންޒަރު ވެސް ލީކުކޮށްލާފައިވާ ފޮޓޯތަކުން ފެނެއެވެ. ނަމަވެސް ބޫ ހިއްސާކުރި އެ ފޮޓޯގެ ސައްޙަކަން ކަށަވަރު ކޮށްދޭ އިތުރު ހެއްކެއް އޭނާ ދައްކާފައެއް ނުވެއެވެ.

އައިފޯން 16 ސީރީޒްއިން އިތުރު ބަދަލުތައް ވެސް ފެންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން އެޕަލްއިން މި ސީރީޒްގެ ހުރިހާ މޮޑެލްތަކަށް އެކްޝަން ބަޓަން (އައިފޯން 15 ޕްރޯ މޮޑެލްތަކުގައި ތައާރަފްކޮށްފައިވާ) އަދި ކެމެރާއަށް އަވަސް އެކްސެސް ލިބޭނެ ކަމަށް ބުނާ ޚާއްޞަ ކެޕްޗާ ބަޓަނެއް ވެސް އިތުރުކުރާނެ ކަމަށް ބެލެވެއެވެ.

އެޕަލްއިން ދެން ނެރޭނެ ފޯންތަކާ ބެހޭގޮތުން މިފަދަ ވާހަކަތަކެއް ސޯޝަލް މީޑިއާއަށް ތިލަވެފައިވާއިރު، އެޕަލްގެ އައިފޯން 16ގެ މޮޑެލްތައް ލޯންޗްކުރަން އަދި އެތައް މަހެއް އެބައޮތެވެ.

comment ކޮމެންޓް