އެޕަލް ސްޕޯޓްސް އެޕް ނެރެފި، އައިފޯނަށް ހިލޭ

ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނި އެޕަލްއިން ކުޅިވަރަށް ހާއްސަ އާ އެޕްލިކޭޝަން، "އެޕަލް ސްޕޯޓްސް"ގެ ނަމުގައި ނެރެފިއެވެ.

އެޕަލްއިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އައިއޯއެސް 17.2 ނުވަތަ އޭގެ ފަހުގެ ހުރިހާ އައިއޯއެސްއަކަށް ހިލޭ ބޭނުންކޮށްލެވޭނެ އާ އެޕްލިކޭޝަނެއް ކުޅިވަރުތަކަށް ހާއްސަ ކޮށްގެން ނެރެފައިވާ ކަމަށެވެ.

އެޕް ސްޓޯރުން ލިބެންހުރި މި އެޕްގައި ރިއަލް ޓައިމް ސްކޯއާއި، ސްޓޭޓްސް ފަދަ މައުލޫމާތު އިތުބާރާއި ޔަޤީންކަމާ އެކު ލިބޭގޮތަށް ފަރުމާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ޔޫޒަރުންގެ އެންމެ ކަމުދާ ލީގުތަކާއި ޓީމްތައް ސެޓްކޮށްލެވޭއިރު، މި އެޕް ފަރުމާކޮށްފައިވަނީ ޔޫޒަރުންނަށް ވަރަށް ފަސޭހަގޮތަކަށް ވަރަށް ސާދާކޮށް ކަމަށް އެޕަލްއިން ބުނެއެވެ.

މި ވަގުތު މި އެޕް ލިބޭނީ ހަމައެކަނި އެމެރިކާ، އިނގިރޭސިވިލާތް އަދި ކެނެޑާގެ އެޕް ސްޓޯރުން ކަމަށްވިޔަސް ދުނިޔޭގެ އެހެނިހެން ބައްރުތަކަށް ވެސް ހިލޭ ޑައުންލޯޑް ކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް އެޕަލްއިން ބުނެއެވެ.

"އެޕަލް ސްޕޯޓްސް އެޕް އުފެއްދީ ކުޅިވަރު ސަޕޯޓަރުންނަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމަށް. މިއީ ވަރަށް ހަލުވިކޮށް ސްކޯއާއި ސްޓޭޓަސް ފޯރުކޮށްދޭ އެޕްލިކޭޝަނެއް،" އެޕަލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ސާވިސަސް އެޑީ ކިއު ވިދާޅުވިއެވެ.

އެޕަލް ސްޕޯޓްސްއިން ސީޒަންގައި ލީގުތައް ފޮލޯ ކުރުމުގެ ފުރުސަތު ދޭއިރު އޭގެ ތެރޭގައި މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އާއި ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އާއި ނޭޝަނަލް ކޮލެޖިއޭޓް އެތުލެޓިކް އެސޯސިއޭޝަން (އެންސީއޭއޭ)ގެ ފިރިހެން އަދި އަންހެން އަދި އެމެރިކާގެ ނެޝަނަލް ހޮކީ ލީގު (އެންއެޗްއެލް) ހިމެނެއެވެ.

މީގެ އިތުރުން، ޖަރުމަނުގެ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގު ބުންޑަސްލީގާއާއި ސްޕެނިޝް ފުޓްބޯޅަ ލީގު، ލަލީގާއާއި މެކްސިކޯގެ ޓޮޕް ޕްރޮފެޝަނަލް ފުޓްބޯޅަ ޑިވިޝަން ލިގާ އެމްއެކްސްއާއި ފްރެންޗް ޕްރޮފެޝަނަލް ލީގާއި އިޓަލީގެ ޓޮޕް ލީގު ސެރީއޭ އަދި އިނގިރޭސި ޕްރިމިއާ ލީގު ހިމެނެއެވެ.

"އެޕަލް ސްޕޯޓްސް"އިން ކުރިއަށް އޮތް ސީޒަންތަކާއި، އިތުރު ލީގުތައް ލިބެން ފަށާނެ ކަމަށާއި އޭގެ ތެރޭގައި އެމެރިކާގެ މޭޖާ ލީގު ބޭސްބޯލް (އެމްއެލްބީ)އާއި އެމެރިކަން ފުޓްބޯލް ލީގު ނޭޝަނަލް ފުޓްބޯލް ލީގު (އެންއެފްއެލް)އާއި ނޭޝަނަލް ވިމެންސް ސޮކާ ލީގު (އެންޑަބްލިއުއެސްއެލް) އަދި ވިމެންސް ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (ޑަބްލިއުއެންބީއޭ) ހިމެނެއެވެ.

comment ކޮމެންޓް