ދުބާއީ ފޯރަމް: ރާއްޖެއާމެދު އިންވެސްޓަރުންގެ އޮތީ އާދަޔާ ޚިލާފު އިތުބާރެއް!

ދުބާއީގައި އިއްޔެ އޮތް އިންވެސްޓު މޯލްޑިވްސް ފޯރަމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދުބާއީއިން، މުޙައްމަދު ނާއިލް ޙަފީޒް

އިއްޔެ، ޔޫއޭއީގެ މައި ވިޔަފާރި މަރުކަޒު، ދުބާއީގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގެ މާދަމައަށް، ވިޔަފާރީގެ އުންމީދީ އިންވެސްޓުމަންޓުތަކަކަށް އެޅި ބޮޑު ބިންގަލެކެވެ.

ގާތްގަނޑަކަށް 300 އެއްހައި އިންވެސްޓަރުން މި ފޯރަމުގައި ބައިވެރިވެ، ދިވެހި ސަރުކާރުގެ އިސްވެރިން ރާއްޖޭގެ ތަރައްގީއާމެދު ގެންގުޅޭ ތަސައްވުރު އަޑުއަހަން ތިބީ ޝައުގާއެކުގައެވެ. އެ މީހުން އަޑު އަހަން ބޭނުންވީ، ރާއްޖެއަށް އެ މީހުން ޚަރަދު ކުރަންވީ ކޮން ސަބަބަކާ ހެދިތޯއެވެ.

އެ ސަބަބު، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވާދީގެ ވާހަކަފުޅުން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވިއެވެ.

ދުބާއީގައި އިއްޔެ އޮތް އިންވެސްޓު މޯލްޑިވްސް ފޯރަމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑުމެންގެ އިގްތިޞާދުގެ އެންމެ މުހިންމު އެއް ބާރުގެ ގޮތުގައި އޮތީ ރާއްޖެ އޮތް ސަރަހައްދު. އޭޝިއާއާއި އެފްރިކާ ގުޅިގެން އަންނަ މަގުގައި ރާއްޖެ އޮތުމަކީ އަޅުގަނޑުމެންގެ ގައުމު އިގްތިޞާދީ ގޮތުން ވިޔަފާރިއަށް އެންމެ މުހިންމު އެއް ހަބަަށް ހަދައިދޭ ސަބަބު،" ރައީސް ވިދާޅުވިއެވެ.

ރާއްޖެ މި އޮތް ސަރަހައްދާއެކު ބޭނުންވަނީ، ރާއްޖެ ތަރައްގީގެ އާ ޒަމާނަކަަށް ބަދަލުކޮށްލާނެ ބައިވެރިންތަކެކެވެ. ވެރިންގެ ވާހަކައަށްފަހު އިންވެސްޓަރުންގެ ވާހަކަތަކުން އެނގުނީ ރާއްޖެއާމެދު އެ މީހުން ވެސް ކުރާ އުންމީދުތަކާއި އިތުބާރެއް އެބަ އޮތްކަމެވެ.

ބޭނުންވަނީ އިންވެސްޓަރުންގެ އަޑުއަހަން

ފޯރަމް ފެށުމަށް ބޭއްވި ހަފުލާއަށްފަހު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވެސް އޮތީ އިންވެސްޓަރުންގެ އަޑުއެހުމާއި، އެ މީހުންގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

ކޮންމެ އިންވެސްޓަރަކު ވެސް ޔަގީންކުރަން ބޭނުންވީ ސިޔާސީ ގޮތުން ހަމަނުޖެހުން ނެތް، ފަހި އިންވެސްޓުމަންޓަށް ފައިދާވާނެ ރައްކާތެރި މާހައުލެއް މިހާރު ގާއިމްވެފައި އޮތްތޯއެވެ.

"އެންމެ ފުރަތަަމަ ކަމަކީ ޑރ. މުއިއްޒުގެ ސަރުކާރަކީ ވަރަށް ގާތުން އަޅުގަނޑުމެންގެ އަޑު އަހާ ސަރުކާރެއް. އަޅުގަނޑުމެންގެ އަމިއްލަ ވަސީލަތްތަކާއެކު އައިމާ މަސައްކަތްކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރެވިފައި އޮންނަންޖެހޭ. މިހާރު އެ މާހައުލު އެބައޮތް،"

ޔުނައިޓެޑް ސްޓާޒް ގްރޫޕުގެ ސީއީއޯ ނިޕުނަ ވަހަލަތަންތްރިގޭ --

"އަޅުގަނޑުމެން މަޝްވަރާ ފަށައި، މިހާރު ހުށަހަޅަން ތައްޔާރުކޮށްފައި ހުރި ގިނަ މަޝްރޫއުތަކަކީ މި އާ ސަރުކާރު އައި ފަހުން ފެށި ކަންކަން. އެއީ ފަހުން އައްޔަންކުރި މިނިސްޓަރުންނަކީ ވަރަށް ބޮޑަށް އަމިއްލައަށް އިސްނަގާ ބައެއް. އަނެއްކާ ވަރަށް ބޭނުންވެގެން އެ ކަން ކުރާ ބައެއް،" ޔުނައިޓެޑް ސްޓާޒް ގްރޫޕުގެ ސީއީއޯ ނިޕުނަ ވަހަލަތަންތްރިގޭ ދިވެހި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ހަމައެއާއެކު މިހާރު ވެސް ރާއްޖޭގައި ޖުމެއިރާ މޯލްޑިވްސް ރިސޯޓަށް އިންވެސްޓުކޮށް، ވިޔަފާރިކުރާ އެޓޯލް ސްޓޭޓްސްގެ ކޯފައުންޑަރު އަމިތު މަޖުމްދަރު ވިދާޅުވި ގޮތުގައި ވެސް ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި އިންވެސްޓަރުންނަށް ފަހި ތަނެކެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް 10 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ވިޔަފާރީގެ ކަންކަން އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

އަދި މިހާރު ރާއްޖޭގެ އެންމެ ފުރަތަމަ މެޑިކަލް ސްޕާ ހިމެނޭހެން އިތުރު މަޝްރޫއުތަކެއް ހިންގަން ތައްޔާރުވެފައި އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑާއި، އަޅުގަނޑުގެ ޕާޓްނަރަށް ރާއްޖެ ވަރަށް ކަމުދޭ. އެހެންވެ މި އިންވެސްޓު ކުރަނީ ދެވަނަ މަޝްރޫއަކަށް ވެސް،" އަމިތު ވިދާޅުވިއެވެ.

ހަމައެކަނި ފަތުރުވެރިކަމެއް ނޫން، އެހެން ދާއިރާތައް ވެސް ބޭނުން

މުއްސަނދި ވިޔަފާރިވެރިންނަށް ރާއްޖެއަށް އިންވެސްޓުކުރުމަކީ މާ ބޮޑު ކަމެއް ނޫނެވެ. އެ މީހުން ބޭނުންވާ ހަމަޖެހުމާއި، އިންވެސްޓުމަންޓުން ގެއްލުން ނުވާނެކަން ޔަގީންކޮށްދޭނަމަ އިންވެސްޓަރުންގެ އިންވެސްޓުމަންޓުތައް އަންނާނެއެވެ.

ނަމަވެސް ހަމައެކަނި ފަތުރުވެރިކަމަކީ މިއަދު ރާއްޖެ ބަރޯސާވެފައި އޮތް ހަމައެކަނި ސިނާއަތަށްވެފައި އޮތް އޮތުން ނިންމަންޖެހެއެވެ. އެހެން ދާއިރާތަކަށް ވެސް ލޯ ހުޅުވަންޖެހެއެވެ.

ދުބާއީގައި އިއްޔެ އޮތް އިންވެސްޓު މޯލްޑިވްސް ފޯރަމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"ފަތުރުވެރިކަމުގެ ދާއިރާގެ އިތުރަށް، އަޅުގަނޑު ބޮޑަށް ޝައުގުވެރިވަނީ ސިއްހީ ދާއިރާގެ ކަންކަމަށް. ޑޮކްޓަރުންނާއި އިންޖިނޭރުންނާއި މި ފަދަ ކަންކަމަށް ރާއްޖޭގައި އިންވެސްޓުކުރަން ބޭނުމީ،" ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުން އެ އުންމީދު އާވާކަން ފާހަގަކުރައްވައި، ދުބާއީގައި ތެލުގެ ވިޔަފާރިކުރާ މުއްސަނދި މަހުޖަނަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިއްހީ ދާއިރާއަށް އިންވެސްޓުކޮށް، އެ ކަންކަން ކުރިއެރުވުމުގައި ބައިވެރިވުމަކީ އޭނާގެ ޝައުގު އޮތް ދާއިރާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭ މި މަސައްކަތް ކުރެއްވިޖެނަމަ "ރާއްޖެއަކީ މެސީ ވެސް އޭނާގެ އާއިލާ ގޮވައިގެން، ބޭސްކޮށްލައި، ޗެކަޕް ހަދަން އަންނާނެ ތަނެއް،" ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ވެސް މިއަދު މިއީއެވެ. ފަތުރުވެރިކަމުގެ އިތުރަށް އެހެން ސިނާއަތްތަކުން ވެސް ފުރުސަތު ފަހިކުރުމެވެ.

އިންވެސްޓްމަންޓަށް ހުޅުވި ބައެއް މަޝްރޫއުތައް

  • ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތިންވަނަ ފިޔަވަހި.
  • ރަސްމާލެ ތަރައްގީކުރުން: އެ ތަނުގައި 65،000 ހައުސިން ޔުނިޓު އެޅުމާއި، މަގު ހެދުމާއި، ސްޕީޑް ބޯޓުގެ ނިޒާމަކުން ގުޅުވައިލުމުގެ އިތުރުން ހޮސްޕިޓަލް އެޅުން.
  • އެސްއީޒެޑްގެ އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގުން.
  • ޑޮމެސްޓިކް 15 އެއާޕޯޓު ތަރައްގީކުރުން.
  • އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް މެރިޓައިމް މަޝްރޫއު.
  • ގިރާވަރާއި ތިލަފުށި ބްރިޖުން ގުޅުވައިލައި މަގުހެދުން.
  • ބޯހިޔަވާހިކަމަށް 70،000 ހައުސިން ޔުނިޓް ގާއިމްކުރުން. އޭގެ ތެރޭގައި ހިމެނެނީ ރަސްމާލޭގައި 30،000 ޔުނިޓާއި ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ޔުނިޓު.
  • ތިލަފުށީ ޕޯޓް މަޝްރޫއު
  • ތިނަދުއާއި ކާޑެއްދޫ ބުރިޖް މަޝްރޫއު

މި ފޯރަމީ ރައީސް ޑރ. މުއިއްޒުގެ އުންމީދުތަކުގައި ކުލަ ޖައްސަން އޮތް ރަނުގެ ފުރުސަތެކެވެ. އެކި ދާއިރާތަކުން އެކި ވިޔަފާރިވެރިންގެ އިންވެސްޓްމަންޓު ރާއްޖެއަށް ގެނެވިއްޖެނަމަ 'ދުބާއީގެ ކުލަވަރު ރާއްޖެއިން ފެނުނުން އޮތީ މާ ދުރުގައެއް ނޫނެވެ.'

comment ކޮމެންޓް