ރަށެއްގެ ތަރައްގީއަށް ކައުންސިލުން ރާވާފައިވާ މަޝްރޫއެއް ކުރިއަށްދަނިކޮށް، ކުއްލިއަކަށް އެ ބިން ސަރުކާރުގެ މަޝްރޫއަކަށް ނެގުމަކީ ކައުންސިލްތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިއީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން އުފެދިފައިވާ އެންމެ ބޮޑު ބަހުސެވެ.
މި ހަފުތާގެ "އެޑިޓަރުންގެ ވަށް މޭޒު" ގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ދޭ މި ބިލާ ގުޅޭގޮތުންނެވެ. ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ، މިހާރު ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ, ރަށް ރަށުގެ ބިމާއި ފަޅާއި ފަރު ފަދަ ތަންތަން ވަޒީރުންގެ މަޖިލީހުގެ ސީދާ ބާރުގެ ދަށަށް ގެނައުމެވެ.
އެޑިޓަރުން ފާހަގަކުރި ގޮތުގައި، މި ބިލުގެ ސަބަބުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމުގެ ހަގީގީ ބޭނުން ކެނޑި، މަރުކަޒީ އުސޫލަށް ބާރުތައް ޖަމާވުން ކަމަށް އެ އެޑިޓަރުން ސިފަކުރިއެވެ. ގާނޫނީ ގޮތުން ކައުންސިލްތަކަށް ލިބިދޭ އިހުތިޔާރުތަކުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ނިޒާމުގެ ރޫހާ ޚިލާފު ކަމެއް ކަމަށް ވެސް އެޑިޓަރުންގެ މޭޒުގައި މަޝްވަރާކުރެވުނެވެ.
ނަމަވެސް، ސަރުކާރުން މިފަދަ ބާރެއް ނަގަން ވިސްނާ މައިގަނޑު ސަބަބެއް ވެސް އެޑިޓަރުން ފާހަގަކުރިއެވެ. އެއީ ސަރުކާރުން ހިންގަން ބޭނުންވާ ބޮޑެތި މަޝްރޫއުތަކަށް، ޚާއްސަކޮށް އިދިކޮޅު ޕާޓީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން އެއްބާރުލުން ނުދިނުމަކީ ރާއްޖޭގައި އާންމު ކަމަކަށް ވުމެވެ. ބޯހިޔާވަހިކަމާއި، ހޮސްޕިޓަލް އެޅުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް ކައުންސިލްތަކުން ހުރަސްއަޅާ ހާލަތްތަކުގައި، މަޝްރޫއުތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމުގެ މަގު ފަހިކުރުމަކީ މި ބަދަލުގެ އަމާޒަކަށް ވެދާނެ ކަމަށް އެޑިޓަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކައިފައިވެއެވެ.
މި ބިލަކީ ގައުމީ ތަރައްގީގެ ދުވެލި އަވަސްކުރުމާއި، ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދިނުމަށް އުފައްދާފައިވާ ލާމަރުކަޒީ ނިޒާމުގެ މިނިވަންކަމާ ދެމެދު އުފެދިފައިވާ ފުށުއެރުންތަކަށް ހައްލެއް ހޯދުމުގެ ނަމުގައި ގެންނަން އުޅޭ ބަދަލެކެވެ. ނަމަވެސް ސުވާލަކީ ކައުންސިލްތަކުގެ ބޭނުމެއް މި ބިލާއެކު އެބައޮތްތޯއެވެ.