ކޭޓީ ޕެރީ އެމެރިކަން އައިޑަލްއަށް އަލްވަދާއު ކިޔަނީ

ޕޮޕް މިއުޒިކްގެ އެންމެ ފާހަގަކުރެވޭ އާޓިސްޓުންގެ ތެރޭގައި ހިމެނޭ ކޭޓީ ޕެރީ، އެމެރިކަން އައިޑަލްގެ ޖަޖުގެ މަގާމުން ދުރަށްދާން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ރިއެލިޓީ މިއުޒިކް މުބާރާތް ކަމަށްވާ އެމެރިކަން އައިޑަލްގައި ކޭޓީ ޕެރީ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ކޭޓީ އަކީ އެމެރިކަން އައިޑަލްގެ އެންމެ މަގުބޫލު ޖަޖުންގެ ތެރޭގައި ހިމެނޭ އެއް ޖަޖެވެ.

އޭނާ ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް އެމެރިކަން އައިޑަލްގެ ސީޒަން އަކީ އޭނާ ޖަޖު ކުރާނެ ފަހު ސީޒަނެވެ. ކުރިއަށް އޮތީ އެމެރިކަން އައިޑަލްގެ 22 ވަނަ ސީޒަނެވެ. މިއީ ކޭޓީ ބައިވެރިވާނެ ފަހު ސީޒަނެވެ. މި ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގައެވެ.

އެމެރިކަން އައިޑަލްގެ ކެރިއަރުގައި ކޭޓީ ވަނީ ޖުމްލަ ހަ ސީޒަނެއްގައި ޖަޖުކަން ކޮށްފައެވެ.

އޭނާ ހާމަކޮށްފައިވާ ގޮތުގައި ޝޯގެ ޖަޖެއްގެ މަގާމުން ދުރަށް ދާން ނިންމާފައިވަނީ އަމިއްލަ ކެރިއަރަށް އިސްކަން ދިނުމަށެވެ.

ކޭޓީގެ އަމިއްލަ މިއުޒިކް އަލުން އުފެއްދުމަށް ބޭނުންވާތީ އެ ކަމަށް ވަގުތު ދޭން ބޭނުންވާ ކަމަށް ކޭޓީ ވަނީ ހާމަކޮށްފައެވެ. އަދި، ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރާއިރު އަމިއްލަ މިއުޒިކް ކެރިއަރަށް ވަގުތު ނުދެވޭ ކަމަށް ކޭޓީ ބުނެއެވެ.

އެއާއެކު ވަރަށް އަވަހަށް އަމިއްލަ މިއުޒިކް ރިލީޒް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކޭޓީ ވަނީ އިޝާރާތް ކޮށްފައެވެ. ކުރިއަށް ކޭޓީ ދެން ރިލީޒް ކުރާނީ އޭނާގެ ހަތްވަނަ ސްޓޫޑިއޯ އަލްބަމެވެ. ނަމަވެސް މި އަލްބަމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

އައިޑަލްގެ އާ ސީޒަންގައި ކޭޓީގެ އިތުރުން ޖަޖުންގެ ގޮތުގައި މަސައްކަތް ކުރާނީ ލޫކް ބްރާޔަން އާއި ލައިނަލް ރިޗީއެވެ.

comment ކޮމެންޓް