ތ. އަތޮޅުގައި އިގްތިޞާދު ފުޅާކޮށް ވަޒީފާ ފަހި ކުރާނަން: ރައީސް

ރައީސް ޑރ. މުއިއްޒު ތ. ގާދިއްފުއްޓަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ތ. އަތޮޅުގައި އިގްތިޞާދު ފުޅާކޮށް ތަފާތު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ތ. ކިނބިދޫ، އުފާ، އާއިޝަތު ރައުނާ ވަނީ އެ އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެފައި ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑުމެންނަށް ވޭމަންޑޫން އޭލެވެލް ކިޔެވުމުގެ ފުރުސަތު ފަހިވެފައި ވީނަމަވެސް އަޅުގަނޑުމެން މަތީ ތައުލީމު ހާސިލް ކުރުމަށް ފަހު ވަޒީފާއެއް ހޯދުމަށް މިޖެހެނީ މާލެއަށް ބަދަލުވާން،" ރައުނާ ބުންޏެވެ.

ރައުނާގެ ކަންބޮޑުވަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޒުވާންކުދިން އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ އަތޮޅަކީ ވަޒީފާގެ ފުރުސަތު ކުޑަ އަތޮޅަކަށް ވުމުން އެ އަތޮޅަށް އިންޑަސްޓްރީތައް ފުޅާ ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކްރިއޭޓިވް އިކޮނޮމީއެއް ގާއިމް ކުރަން މަސައްކަތް ކުރާ ކަމަށާއި އޭރުން ބޭރުގެ މާކެޓްތަކަށް އެ ކުދިންގެ ހުނަރު ވިއްކޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަތޮޅުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭން އިގްތިޞާދު މި އަތޮޅަށް ފުޅާކޮށްދޭން އަޅުގަނޑު ވިސްނާފަ އޮތީ،" ރައީސް ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ރައީސް ވަނީ ތ. އަތޮޅުގެ ރަށްތަކަށް ޒިޔާރާތް ކުރައްވާފައެވެ. އަދި އެ ދަތުރުފުޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެ އަތޮޅުގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ އަތޮޅުގައި އެންމެ ރިސޯޓެއް އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށާއި ވޭމަންޑުއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއާއެކު، މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް