ރަސްމާލެ މަޝްރޫއު: "ދާއިމީ 18،000 ވަޒީފާ އުފެދޭނެ, މުސާރަ ރަނގަޅު ވާނެ"

އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ސަންގެ މެނޭޖިން އެޑިޓަރު އަޙްމަދު ސާއިލު އަލީއަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ

ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގެ އިމާރާތްތައް ކުރުމުގެ މަރުހަލާގައި ރާއްޖެއަށް މުޅިން އަލަށް 40,000 ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް, ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލީ އަލްއައްބާރު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަން އޮންލައިނަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، އަލްއައްބާރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހަޅާފައިވާ ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ސަބަބުން 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ދާއިމީ ވަޒީފާ އުފެދޭނެއެވެ. އަދި އިމާރާތްކުރުމުގެ މަރުހަލާގައި ގާތްގަނޑަކަށް 40،000 ވަޒީފާ އުފެދޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މި ދާއިމީ ވަޒީފާތައް އުފެދިގެންދާނީ އެ ތަނުގައި ތަރައްގީކުރާ މީހުން ދިރިއުޅޭ އިމާރާތްތަކާއި، ހޮޓާތަކާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން ޕާކުތަކާއި ސްކޫލްތައް ފަދަ ވަސީލަތްތަކުގެ ތެރެއިން ކަމަށް އަލްއައްބާރު ފާހަގަކުރެއްވިއެވެ. އީގަލް ހިލްސްއިން ތަރައްގީކުރާ ތަންތަނުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން، އެ ކުންފުނީގެ މަޝްރޫއުތަކުގައި އާންމުކޮށް މުސާރައިގެ އޮނިގަނޑު އެހެން ތަންތަނަށް ވުރެ ބޮޑުވާނެ ކަމަށް ވެސް އަލްއައްބާރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަރުހަލާގައާއި އޭގެ ފަހުން ވެސް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބި، އޭގެ ސަބަބުން ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތައް އިތުރުވެ، އިގުތިސާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. އެހެން ގައުމުތަކުގައި އެ ކުންފުނިން ހިންގާފައިވާ މިފަދަ މަޝްރޫއުތަކުގެ ތަޖުރިބާއަށް ބިނާކޮށް އަލްއައްބާރު އަންދާޒާކުރައްވާ ގޮތުގައި، ރަސްމާލެ މަޝްރޫއުގެ ސަބަބުން އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ކޮންމެ އަހަރަކު ޒިޔާރަތްކުރާނެއެވެ. އަދި މި މަޝްރޫއުގެ މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދެ ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ސަރުކާރަށް ލިބޭނެ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ސަންގެ މެނޭޖިން އެޑިޓަރު އަޙްމަދު ސާއިލު އަލީއަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ

ރަސްމާލެއަކީ 99 އަހަރުގެ މުއްދަތަކަށް 500 ހެކްޓަރުގެ ބިން ކުއްޔަށް ދީގެން، ދިވެހި ސަރުކާރާއި އީގަލް ހިލްސް ގުޅިގެން ހިންގުމަށް ހުށަހަޅާފައިވާ ބޮޑު މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން 5،000 ހައުސިން ޔުނިޓް އެޅުމަށް އީގަލް ހިލްސްއިން ފަންޑުކުރާނެއެވެ. އަލްއައްބާރު ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އަގުހުރި މި ބޯހިޔާވަހިކަމުގެ ބަޔަށް ފުރަތަމަ ހަރަދުކުރާނީ އެ ކުންފުނިންނެވެ. އަދި ފަހުން މުޅި މަޝްރޫއުގެ ތެރެއިން އެ އިންވެސްޓްމަންޓް އަނބުރާ ހޯދާނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތަފްސީލީ ޑިޒައިންތަކާއި ތިމާވެއްޓަށް އަސަރުކުރާ މިންވަރު ވަޒަންކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހެއެވެ. އަލްއައްބާރު ވިދާޅުވި ގޮތުގައި، އަންދާޒާކުރެވޭ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ. ނަމަވެސް ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް