މެޓާއިން ހާމަނާއީގެ އިންސްޓަގްރާމާއި، ފޭސްބުކް އެކައުންޓު ނައްތާލައިފި

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ -- ފޮޓޯ/އެންޑީޓީވީ

ކޮންޓެންޓް ޕޮލިސީއާ ހިލާފުވެގެން ކަމަށް ބުނެ މެޓާއިން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ ފޭސްބުކް އެކައުންޓާއި އިންސްޓްގްރާމް ނައްތައިލައިފިއެވެ.

މެޓާއަކީ ފޭސްބުކާއި، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ ސޯޝަލްމީޑިއާގެ ބައެއް އެޕްތަކުގެ ބެލެނިވެރި ކުންފުންޏެވެ.

"އަޅުގަނޑުމެން މި އެކައުންޓްތައް އުނިކޮށްފައިވަނީ އަޅުގަނޑުމެންގެ ކޮންޓެންޓު ޕޮލިސީއާ ތަކުރާރުކޮށް ހިލާފުވެގެން،" މެޓާގެ ތަރުޖަމާނަކާ ހަވާލާދީ އިންގްލިޝް އަރަބިޔާއިން ރިޕޯޓުކޮށްފައިވެއެވެ.

އަރަބިޔާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން އިސްރާއީލާއި ހަމާސް ހަނގުރާމައިގެ ވާހަކަ މެޓާއިން ނުބުނި ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ހަމަލާދިނުމުން ހާމަނާއީގެ އެކައުންޓުތައް ނައްތައިލުމަށް މެޓާއަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

ހަމާސްއިން އިސްރާއީލަށް ދިން އެ ހަމަލާއަށް ހާމަނާއީ ވަނީ ވަރަށް ބޮޑަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް އެކަމުގައި އީރާނުގެ އަތެއް ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ލާއިންސާނީ އަމަލުތަކަށް ދެކޮޅަށް ފަލަސްތީނުން ތެދުވުމަށް ގޮވައިލައި، ރަތް ކަނޑުން އިސްރާއީލަށް ދަތުރުކުރާ އާގު ބޯޓުތަކަށް ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތް ޙޫޘީން ދޭ ހަމަލާތަކަށް ވެސް ހާމަނާއީ ވަނީ ވަރަށް ބޮޑަށް ތާއީދުކުރައްވައިފައެވެ.

އީރާނުގެ ވެރިކަމުގައި 35 އަހަރު ހުންނެވި ޚާމަނާއީގެ އިންސްޓަގްރާމްގައި ފަސް މިލިއަން ފޮލޯވަރުން ތިއްބެވެ.

އިންސްޓަގްރާމާއި ފޭސްބުކް ބޭނުންކުރުމަކީ އީރާނުގައި މަނާކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް އީރާނުގެ ގިނަ ބަޔަކު އަންނަނީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ނުވަތަ ވީޕީއެން ބޭނުންކޮށްގެން ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ އެޕްތައް ބޭނުންކުރަމުންނެވެ.

comment ކޮމެންޓް