ބައިނަލްއަގުވާމީ އެއާލައިންތަކުން އިސްރާއީލަށް ދަތުރުކުރުން ހުއްޓާލަނީ

އީރާނުގެ ހަމަލާތަކާގުޅިގެން ބައިނަލްއަގުވާމީ އެއާލައިންތަކުން އަންނަނީ އިސްރާއީލަށް ކުރަމުންދާ ދަތުރުތައް ހުއްޓާލަމުން. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އީރާނުން އިސްރާއީލަށް ދޭ ހަމަލާތަކާ ގުޅިގެން ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކަކުން އެގައުމަށް ކުރާ ދަތުރުތައް ކެންސަލް ކޮށްފިއެވެ.

އިސްރާއީލް ހަޔޯމް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެދަލޭންޑްސްގެ ރޯޔަލް ޑަޗް އެއާލައިންސް (ކޭއެލްއެމް)އިން އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލް ކުރިކަން އިއުލާން ކުރިއިރު، ޖަރުމަނުވިލާތުގެ އެއާލައިން ގްރޫޕް، ލުފްތަންސާ ވެސް އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލްކުރިކަން ވަނީ އިއުލާނުކޮށްފައެވެ.

އަންގާރަ ދުވަހު އިނގިރޭސި ބަޖެޓް އެއާލައިން އީޒީޖެޓުންވެސް ވަނީ ތެލްއަވީވަށް ދަތުރު ކުރާ ހުރިހާ ފްލައިޓެއް ހަ މަސް ދުވަހަށް މެދުކަނޑާލަން ނިންމައި އެކަން އިއުލާންކޮށްފައެވެ.

އީރާނުގެ މީޑިއާތަކުން ހުކުރު ދުވަހުގެ ފަތިހު އިއުލާން ކުރި ގޮތުގައި އިސްރާއީލުން ފޮނުވާލީ ތިން ޑްރޯން އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ ވައްޓައިލައިފައެވެ.

އީރާނުގެ ޖައްވީ އިދާރާގެ ތަރުޖަމާނު ހުސެއިން ދަލިރިއަން އެކްސްގައި ޝާއިއުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ވައިގެ ދިފާއީ ބާރުން ވަނީ އިސްރާއީލުގެ އެތައް ވައިގެ ހަމަލާއަކުން ކާމިޔާބުކަމާއެކު ދިފާއުކޮށްފައެވެ.

ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީއަށް އިސްރާއީލުން މި މަހުގެ ކުރީކޮޅު ދިން މިސައިލް ހަމަލާގެ ރައްދުގައި އިރާނުން ވަނީ އެތައް ސަތޭކަ މިސައިލެއް އިސްރާއީލަށް ފޮނުވައިލައިފައެވެ.

comment ކޮމެންޓް