ތެލެސީމިއާ ކުދިންނަށް ބޭސް ލިބުމުގައި ދައްޗެއް ނެތް: މިނިސްޓްރީ

ފެބްރުއަރީ 27، 2021: ދަމާސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތެލަސީމިޔާ ސެންޓަރ އަށް ލޭ ހަދިޔާކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އެސްޓީއޯއާ ހަވާލުކުރި ނަމަވެސް، ފަރުވާ ހޯދާ މީހުންނަށް ބޭސް ލިބުމުގައި ދައްޗެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ތެލެސީމިއާ ބޭސް ވޭތުވެ ދިޔަ 30 އަހަރު ފޯރުކޮށްދިނީ ހަމައެކަނި އެމްބީއެސްއިންނެވެ. އޭރު ޑޮކްޓަރަށް ދެއްކުމަށް ފަހު އެއް ފަންގިފިލާއަކުން އެކުދިންނަށް ބޭސް ލިބެއެވެ. ނަމަވެސް، އެކަން މިދިޔަ މަހު ސަރުކާރުން ބަދަލުކުރީ ކުރިއަށްވުރެ ލުއި ގޮތްތަކެއް ހޯދައިދިނުމަށް ފެށި މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ޕޭޝަންޓުންނަށް ވީ އުނދަގޫކަމަށް ބުނެ ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://sun.mv/188396

މިކަމާ ގުޅިގެން "ސަން"އިން ސުވާލު ކުރުމުން މިނިސްޓްރީން ބުނީ، އެމީހުންނަށް ބޭނުންވާ ބޭސް ހުސްނުވެ އެސްޓީއޯ ފާމަސީން ފޯރުކޮށްދޭއިރު އެ ފާމަސީ ހުންނަނީ ދަމަނަވެއްޓާ ޖެހިގެން ކަމަށެވެ. އަދި ފާމަސީ ކައުންޓަރަށް ބޭސް ސިޓީ ދެއްކުމުން ކިއުގައި ނުޖެހި ބޭސް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެޑްމިޓްވެފައި ތިބޭ ޕޭޝަންޓުންގެ ބޭސް ސިޓީ ނަރުހުން އަތަށް ދިނުމުން ނަރުހުން އެ ބޭސް ސިޓީ ވައިބާއިން އެސްޓީއޯ ފާމަސީއަށް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ބޭސްނަގަން ފާމަސީއަށް ދާއިރު ބޭސް ނަގައި، ކޮތަޅަށްލައި ތައްޔާރު ކޮށްދީފައި ހުންނާނެކަމަށާއި ކިއުގައި ޖެހި މަޑުކުރަން ނުޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ތެލެސީމިއާ ކުދިންގެ ބޭސް އެސްޓީއޯއިން ނަގާގޮތަށް ބަދަލުކުރުމަކީ ގާނޫނު އަސާސީއާ ވެސް ޚިލާފު ބަދަލެއް ކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. އެގޮތުން ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވާ ދަގަނޑުގެ މާއްދާތައް އެކުދިންގެ ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި އެ ކުދިންނަށް ދޭންޖެހޭ ފަރުވާ ދައުލަތުގެ ޚަރަދުގައި ތެލެސީމިއާ ސެންޓަރުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ބުނީ، އެބްމީއެސްގެ ނިންމުމަކީ އެއީ ގާނޫނާ ޚިލާފުވާ ކަމެއް ނޫންކަމަށެވެ.

"ގާނޫނުގައި ބުނަނީ [އެމްބީއެސް އިން] ބޭސް ލިބުން ހަމަޖައްސައިދޭން ވާނެ ކަމަށް،" މިނިސްޓްރީން ބުންޏެވެ.

އެމްބީއެސްއިން މި ބަދަލު ގެނައި ސަބަބު ހޯދަން، ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.

https://sun.mv/188449

ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން މިއަދު މެންދުރު ކުރީ ވަނީ އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ވަނީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ތެލަސީމިއާ ކޮމިއުނިޓީގެ މީހުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފައެވެ.

comment ކޮމެންޓް