ހަތެއް ފެބްރުއަރީއަކީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި އެންމެ ގެއްލުން ބޮޑު ދުވަސް: ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން: އެޕާޓީން ބުނީ ވެރިކަން ވައްޓާލަން ބަގާވާތް ހިންގި ދުވަހަކީ ޑިމޮކްރެސީގެ ހަޔާތުގައި ކަޅު ދުވަހެއް ކަމަށް-- ފޮޓޯ/ ޑިމޮކްރެޓްސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި ދުވަސްކަމަށްވާ ފެބްރުއަރީ ހަތެއް، 2012އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެންމެ ގެއްލުން ބޮޑު ދުވަސް ކަމަށް، އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއިން މިރޭ ބުނެފިއެވެ.

ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަށް މިއަދު 12 އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ވަނީ، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިޚާބުކުރި ވެރިކަން ވައްޓާލީ އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ފުލުހުންނާއި ސިފައިންގެ ބަޔަކު ގުޅިގެން ކަމަށެވެ.

އެއީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި ދިމާވި އެންމެ ކަޅު ދުވަސް ކަމަށް ވެސް އެ ޕާޓީން ސިފަކުރިއެވެ.

މީގެއިތުރުން، އޭގެ ޖެހިގެން އައި ދުވަހު ބައެއް ފުލުހުން ހަތިޔާރު ބޭނުންކޮށްގެން ރައްޔިތުންނަށް އަނިޔާވެރިވެފައިވާތީ މިއަދުވެސް އެކަމާ ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

"އަދި އެ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމާއި މުޅި ގައުމު ފަހަތަށް ދިޔަ ދިއުމުން މިވަނީ މިއަދާ ހަމައަށް ވެސް އަރައި ނުގަނެވި ފޫނުބެއްދިއެވެ." އެ ބަޔާނުގައިވެއެވެ.

ދެހާސްއަށް ވަނަ އަހަރު ރައީސްކަމަށް ވަޑައިގެންނެވި ނަޝީދު 2012ގައި އިސްތިއުފާ ދެއްވީ އެ މަނިކުފާނުގެ ވެރިކަމުގައި އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާ ގުޅިގެންނެވެ. ނަޝީދާއި، އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން ސިފަ ކުރަނީ އެއީ ބަޣާވާތެއްގެ ގޮތުގައެވެ.

ހަތެއް ފެބްރުއަރީގައި ހިނގައި ދިޔަ ކަންތައްތައް ބެލުމަށް، ނަޝީދަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު ވަހީދު އަހުމަދުގެ ސަރުކާރުން ރިޔާސީ ކޮމިޝަނެއް އެކުލަވާލިއެވެ. އެ ކޮމިޝަނުން ނެރުނު ކޯނީ ރިޕޯޓުގައި ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ނަޝީދު ވަނީ ސިޔާސީ މަސައްކަތާ ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވިކަން އިއުލާންކުރައްވާފައެވެ.

comment ކޮމެންޓް