ސައުދީގައި ކިޔަވަން ތިބޭ ދިވެހިންނަށް މިހާރު ހައްޖު މޫސުމުގައި ހާޖީންނަށް އެހީވެވޭނެ

ދިވެހި ޙައްޖު ވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސައުދީގައި ކިޔަވަން ތިބޭ ދިވެހިންނަށް މިހާރު ޙައްޖު މޫސުމުގައި ހާޖީންނަށް އެހީވެވޭނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ ބައްދަލުކުރައްވައި ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް އެދިވަޑައިގެންފިއެވެ.

މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުމަށް ސައުދީ ޙައްޖު ވުޒާރާއިން އެއްބަސްވެފައިވާ ކަމަށެވެ.

އަދި މިހާރު އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް އިސްލާމިކް މިނިސްޓްރީއަށް އަންގައިފައިވާ ކަމަށްވެސް ޝަހީމްގެ އެ ޕޯސްޓުގައި ވެއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ، މި ކަމަކީ މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ޙައްޖުގަ ރަސްމީ ކޯޓާގެ ދަށުން 1000 މީހުން ހައްޖަށް ދާއިރުގައި، އެތެރޭގެ ޓްރާންސްޕޯޓުގައި ބަސްތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ ވަރަށް މުހިންމު ކަމެއް،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އަރަބި ބަސް ދަންނަ މީހުން ނެތުމުގެ ސަބަބުން ބައެއް ފަހަރު ޙައްޖުވެރިން ވަރަށް ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ކޮންމެކޮންމެ ގައުމަކަށް ފަހި ވެފައި އޮންނަ ފުރުސަތެއް ނޫން ކަމަށެވެ. އަދި، އެއީ ވަރަށް ގިނަ ގައުމުތަކުގެ ކިޔަވާ ކުދިން ވެސް އެ ގައުމުގައި ތިބުމާ އެކު މިކަން ހަމަޖައްސައިފައިވަނީ ވަރަށް މަދު ގައުމަކަށް ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ ފަރާތުން ޔުނިވާސިޓީތަކާއި ގުޅިގެން އެ ގައުމުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވައިލާނެ ކަމަށެވެ. އަދި، ކުރިއަށް އޮތް އަހަރުތަކުގައި ހަމަ ކޮންމެ އަހަރެއްގައި ވެސް ދިވެހި ދަރިވަރުންނަށް މި ކަމުގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމަށް ދަރިވަރުން އިޚުތިޔާރު ކުރާނީ ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށެވެ.

ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ ތައުފީޤަށާއި ޙައްޖާއި އުމްރާއާ ގުޅޭ ސައޫދީގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއަށް ވެސް މިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

ދާދި ފަހުން ޙައްޖު ކޯޕަރޭޝަނުންވެސް ވަނީ އެ ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް ހިލޭ ސާބަހަށް އެހީތެރިވެދޭ މީހުން ހޯދުމަށްވެސް އިއުލާނު ކޮށްފައެވެ.

comment ކޮމެންޓް