އިންޑިއާ ސިފައިން ފޮނުވައިލަން ރައީސް މުއިއްޒު ބޭނުންފުޅެއް ނުވޭ: ޔާމީން

ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު، އިންޑިއާ ސިފައިން ފޮނުވައިލަން ބޭނުންފުޅުނުވާ ކަމަށް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުން ދޭހަވަނީ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުނުވާކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު އިޝާރާތް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަފުޅަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯނިފަހަރަށް އެރި މައްސަލައިގައި ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، ހަގީގަތަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުމުގެ ހުޅުގަނޑު ރޯކުރީ ޔާމީންކަން ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ޔާމީން ރޭ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ފިތުނަ އުފެއްދެވި ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވައިލެއްވީ އެއީ ގައުމީ ކަމަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑު ތެދުވީ ވަތަނީ ކޯލްއަކަށް، ނޭޝަނަލް ކޯލްއަކަށް އަޅުގަނޑު ތެދުވީ. މިއަދު ހަމަގައިމު ވެސް ދިވެހިރާއްޖޭގެ ބޮޑެތި މަސްވެރިން، މަސްދޯނިފަހަރު ގެންގުޅޭ އޮޑިވެރިން ގަބޫލުކުރާނެ އަޅުގަނޑު ތެދުވީ ހަމަ ނެޝަނަލް ކޯލްއެއްކަން،" ޔާމީން ވިދާޅުވިއެވެ.

ނަމަވެސް، އޭރު އެ ގޮވައިލުމާ ހެދި އިންޑިއާއާ ޒާތީ ގޮތުން މައްސަލައެއް ނުޖެހޭ ކަމަށާއި މިހާރު ޖެހިގެން އުޅެނީ ތަފާތު މައްސަލައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ސަރުކާރުގެ ތިން ވަޒީރަކު އިންޑިއާއާ ގުޅޭ ގޮތުން ދެއްކި ވާހަކައަށް ޔާމީން އަލިއަޅުއްވައިލެއްވިއެވެ.

ރައީސް ޔާމީނާއި ގާސިމް: އިންޑިއާއާއި ރާއްޖެއާ ދެމެދު ހިތްހަމަނުޖެހުމުގެ ހުޅުގަނޑު ރޯކުރީ ޔާމީން ކަމަށް ގާސިމް ވިދާޅުވެފައިވާތީ، އެ ވާހަކައަށް ޔާމީން ވަނީ ރައްދު ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

"އިޖުތިމާއީ މިންގަނޑު ފަހަނައަޅާ ދާ މިންވަރަކަށް އަޅުގަނޑުމެންގެ ތެރެއިން މަސްއޫލިއްޔަތު ނޫނީ މަސްއޫލު މަގާމުތަކުގައި ތިބި ތިން ބޭފުޅަކު ވަރަށް ހުތުރު ބަހުން، ވަރަށް ދަށް ފެންވަރުގެ ބަހުން ރައްދުތަކެއްދެއްވީ. އެއީ އިންޑިއާ ސަރުކާރަށް ބަލައި ނުގަނެވުނު ކަމަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްވުމަށް މަގުފަހިވި އަސްލު ކުށް ކުރީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނެވެ. އެގޮތުން އެ ސަރުކާރުން ދައުވަތު ދީގެން އިންޑިއާ ސިފައިން ރާއްޖެ ގެނައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ސަރުކާރުން އިންޑިއާއާ އެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހެދި ކަމަށް ތުހުމަތު ކުރައްވައި ޔާމީން، އެ މަނިކުފާނުގެ ތާއިދާއެކު ވެރިކަމަށް އައިސް އޮތް މިހާރުގެ ސަރުކާރުން އެ އެއްބަސްވުންތައް ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މި ސަރުކާރުން އެއްބަސްވުންތައް އާ ނުކުރާނެ ކަމަށް ބުނި ނަމަވެސް ކުރިން ބުނެފައި އޮންނާނީ އެއްބަސްވުންތައް ބާތިލުކުރާނެ ވާހަކަ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމަ މި އުޅޭ މައްސަލަތައް އުފެދިގެން އައިސް މިހާ ހިސާބަށް މި ދިޔައީ ހަގީގަތުގައި، އަދި ބަޔެއްގެ ފަރާތުން އެކަން ގޯސްވެގެން މި ދެންނެވި ގޮތަށް ތިން ނައިބު މިނިސްޓަރުން މިކަހަލަ ވާހަކަ ދެއްކިޔަސް, އަސްލުގައި މި މައްސަލަ ގޯސްވެގެން މި ދިޔަ ހިސާބަކީ އަޅުގަނޑުމެން ކުރަން ނުޖެހޭ ކަމެއް ކުރީމައި،" ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން އެ މަނިކުފާނު، އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ އަމަލެއްގެ ގޮތުގައި ކަނޑައަޅައި ޞާލިޙްގެ ސަރުކާރުން ނެރުނު ގަރާރު އުވާނުލާތީ ފާޑުވިދާޅުވިއެވެ. އެ ގަރާރު ބާތިލުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މި ސަރުކާރުން ބުނި ނަމަވެސް މިއީ ގައުމީ މައްސަލައެއް ކަމަށްވާތީ އެކަން ކުރެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ ގަރާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބާތިނުލުކުރައްވާކަން ފާހަގަކުރައްވައި ގާސިމް ދެއްކެވި ވާހަކައަށް ވެސް އެ މަނިކުފާނު އިޝާރާތް ކުރެއްވިއެވެ.

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާގައި: ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވައިލަން ރައީސް ބޭނުންފުޅުނުވާ ކަމަށް -- ފޮޓޯ/ ޕީއެންއެފް

"ދެން ގާސިމް މި ދެއްވަނީ ތަރުޖަމާއެއް [ރައީސް] މުއިއްޒު ގަރާރު ބާތިލެއް ނުވެސް ކުރެއްވިޔޭ ނުވެސް ކުރައްވާނެޔޭ.. އޭގެ އިންފަރެންސްއަކީ މުއިއްޒު ބޭނުންފުޅެއް ނުވެޔޭ އިންޑިއާ ސިފައިން މިތަނުން ބާލާކަށް، ދެން އަޅުގަނޑުމެންނަށް ގާސިމް މިފެންނަނީ ހަމަ ވަރަށް [ރައީސް] މުއިއްޒުގެ އިސް މުޝީރެއްގެ ގޮތުގައި،" ޔާމީން ވިދާޅުވިއެވެ.

އިންޑިއާގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޕޯސްޓަކާ އެކު ބައެއް ނައިބު ވަޒީރުން ހިމެނޭހެން ގިނަ ބަޔަކު މޯދީއާއި އިންޑިއާއަށް ވަރަށް ބޮޑަށް ކުޑައިމީސްވާ ގޮތަށް ވާހަކަދެއްކި މައްސަލަ ވަރަށް ގޯސްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބޮއިކޮޓް ކުރަން ގޮވާލައި އެ ގައުމުގައި އޭރު ކެމްޕެއިނެއް ވެސް ފެށިއެވެ.

އެ މައްސަލައިގައި ޝާމިލުވި، ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފްއާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ.

https://sun.mv/188227

މިދިޔަ ހަފުތާގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދޯނިތަކަކަށް އިންޑިއާގެ ސިފައިންތަކެއް އެރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ޑިފެންސް މިނިސްޓްރީން ވަނީ، އިންޑިއާ ސިފައިން އެ ދޯނިތަކަށް އެރި ސަބަބު ބުނެދޭން ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިިކޮށް އިންޑިއާ ސަރުކާރުގައި އެދިފައެވެ.

comment ކޮމެންޓް