އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަނީ

އަނިޔާއާއި ގޯނާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާޓިފިޝަލް ބީޗުގައި ރޭ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާތީ އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ހަމަލާ ދިން ކަމަށް ބުނާ ސޯޝަލް މީޑިއާ ޕޯސްޓަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވެއެވެ.

އަނިޔާ ލިބުނު މީހާގެ އާއިލާގެ މެންބަރެއް ކަމަށް ބުނެ ކޮށްފައިވާ އެ ޕޯސްޓުގައިވަނީ، ފިރިހެން މީހާ ގޮސް އަންހެން މީހާއަށް ދިން ހަމަލާތަކުގައި އޭނާގެ ބަނޑުގައާއި، ޖިންސީ ގުނަވަނުގައި ވެސް ޖަހައިފައިވާ ކަމަށެވެ.

އެ ހަމަލާ ދިން ވަގުތު އެތާ ތިބި އެއްވެސް ދިވެއްސަކު އެހީ ނުވެ އެ މަންޒަރު ބަލަން ތިބި ކަމަށާއި އެންމެ ފަހުން އަނިޔާ ހުއްޓުވީ ބަނގްލަދޭޝް މީހެއް ކަމަށް އެ ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓުގައިވާ ގޮތުން އެ ފިރިހެން މީހާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން އަންހެން މީހާއަށް އަނިޔާކޮށްފައެވެ. އެގޮތުން ކައިވެނިކޮށްގެން އުޅުނުއިރު ވެސް އަނިޔާކުރުމަށް ފަހު، ވަރިވި ފަހުން ވެސް އަންހެން މީހާގެ ގެޔަށް ވަދެ ތަކެއްޗަށް ގެއްލުންދީ، އަންހެން މީހާއަށާއި ކުދިންނަށް ގެއްލުންދޭން އުޅެފައިވާ ކަމަށް ޕޯސްޓުގައިވެއެވެ.

comment ކޮމެންޓް