ކުރީގެ އަނބިމީހާއަށް އަނިޔާނުކުރާން ކުރި އަމުރާ ހިލާފުވުމުން ޖޫރިމަނާއެއް

ކުރީގެ އަނބިމީހާއަށް އަނިޔާ ކުރާތީ، އެ އަންހެން މީހާ އަނިޔާން ރައްކާތެރި ކުރަން ފެމިލީ ކޯޓުން ނެރުނު އަމުރާ ހިލާފުވުމުން، 15،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މިއީ މީގެ ކުރިން އޭގެ ދެ މީހުން ކައިވެނިކޮށްގެން އުޅުނު އިރު، ތަކުރާރުކޮށް އެކި ދުވަސްމަތިން ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބުމުގެ ސަބަބުން އެ އަންހެން މީހާގެ ފަރާތުން އެދިގެން ފެމިލީ ކޯޓުން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރެދީފައި އޮތް އަނިޔާއިން ރައްކާތެރި ކޮށްދިނުމުގެ އަމުރާ ހިލާފުވުމުގެ ސަބަބުން ކޮށްފައިވާ ދައުވާއެކެވެ.

އެގޮތުން، އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރު ނެރުނު ފަހުން، ހަމަ އެ މަހު އަންހެން މީހާ ދިރިއުޅޭ ގޭ ދޮށުން އަންހެން މީހާއާ ދިމާކޮށް، ބަހުގެ ހަމަލާ ރައްދުކޮށް، އަޑުގަދަކޮށްފައިވާ ކަމަށް ދައުލަތުން 2020 ވަނަ އަހަރު އުފުލި ދައުވާގައި ވަނީ ބުނެފައެވެ.

އެހެންވެ، ދައުލަތުން އެ ފިރިހެން މީހާގެ މައްޗަށް އުފުލީ ރައްކާތެރިކަމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ ހ ގެ އެއްވަނަ ނަންބަރާއި ހަވާލާދީ އެ މާއްދާގެ ށ ގެ ދަށޫން ކޮށްފައިވާ ދައުވާގެ އަދަބަކީ ގާނޫނު ބުނާ ގޮތުން، ހަ މަސް ދުވަހަށް ވުރެ ދިގު ނޫން ޖަލު ހުކުމެއް ނުވަތަ 15،000 ރުފިޔާއަށް ވުރެ ބޮޑު ނޫން ޖޫރިމަނާއެކެވެ.

އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ އަނިޔާ ލިބުނު އަންހެން މީހާ ހިމެނޭހެން ހަތަރު ހެކިވެރިން ހުށަހަޅައިފައެވެ. އެއީ، ރައްކާތެރި ކުރުމުގެ އަމުރު ނެރެފައި އޮއްވައި އަންހެން މީހާ ގައިގައި ހިފާ ދަމައިގެން ގެންދަން އުޅެ އަޑުގަދަ ކުރާ މަންޒަރު ދުށް ދެ މީހަކާއި އޭގެ ދެ މީހުން ކައިވެނިކޮށްގެން އުޅުނު އިރު ލިބުނު އަނިޔާތަކާ ގުޅިގެން އޭނާގެ އިޖުތިމާއީ ހާލަތާ ގުޅޭ ރިޕޯޓު ތައްޔާރުކުރި ހެލްތު ވޯކަރެވެ.

އެ ހެކިވެރިންގެ އިތުރަށް ވެސް ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެއްކަށް ބަލައި، ކްރިމިނަލް ކޯޓުން ވަނީ އެކަށިގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

ދައުވާ ސާބިތުވުމުން، އަނިޔާ ކުރި މީހާ ވަނީ މިއީ އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވާ ފުރަތަމަ ފަހަރަށް ވުމުންނާއި ދައުލަތުން ވެސް އެ ކަމަށް އިއުތިރާޒު ނުކުރާތީ އޭނާގެ މައްޗަށް ޖަލު އަދަބެއްގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި ދިނުމަށް އެދިފައެވެ.

އެހެންވެ، 2017ގެ ޑިސެމްބަރު މަހު ހިނގި އެ ހާދިސާއާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ މީހާ 15،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައެވެ.

comment ކޮމެންޓް