ރާއްޖެއިން ލިބޭ ބޭހުގެ ފެންވަރު ރަނގަޅުކަން ކަށަވަރުކުރަން، ތަހުލީލުތައް ހަރުދަނާ ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ބޭނުންވާ ސިޔާސަތުތަށް ކަނޑައަޅައިފި-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ވަނީ ރާއްޖެއިން ލިބޭ ބޭހާ ގުޅޭ ކަރުދާހެއް އެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ ކަރުދާހުގެ މަޝްވަރާގައި ނިންމާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ނިޒާމުގެ ތެރެއިން، އެސްޓީއޯއިން ސިއްހީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކެބިނެޓުން ނިންމި ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން، މި ނިޒާމަށް ބޭނުންވާ ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓާ ކުރާނެ ނިޒާމެއް ގާއިމުކުރުމަށް ވެސް މިއަދު ނިންމި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމައެއާއެކު، ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްގީ ކުރުމަށް ވެސް މިއަދު ނިންމި ކަމަށް އެ ބަޔާނުގައިވެއެވެ.

ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން ރައީސް މިދިޔަ މަހުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ދެއްވި ބަޔާނުގައި ވިދާޅުވީ އެ މަސައްކަތް ފެށިފައިވާ ކަމަށާއި، ވަކި ގައުމަކުން ގެންނަ ބޭސް ގެނައުންވެސް ނިމުމަކަށް އަންނާނެ ކަމުގައެވެ.

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ނުލިބި، ނުރައްކާތެރި މާއްދާތައް އެކުލެވޭ ބޭސްތައް ބައެއް ފަހަރު އެތެރެ ކުރާ މައްސަލައަކީ އާންމު ޝަކުވާއެކެވެ. އެގޮތުން ދިވެހިން އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ވެސް ބޭނުންނުކުރަން މީގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ އަންގައިފައިވެއެވެ.

މިދިޔަ ހަފުތާގައި އެމްއެފްޑީއޭއިން ވަނީ، އެ އޮތޯރިޓީން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން ޕެނަޑޯލް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓައިލުމަށް އަންގައިފައެވެ.

comment ކޮމެންޓް