ޞިއްޙީ ނުރައްކަލުގެ ދެ މިސްރާބު: ފިރިހެނުން ދުންފަތުގެ އިސްތިޢުމާލަށް، އަންހެނުން ފަލަބަލީގެ ޝިކާރައަކަށް

ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ މައިގަނޑު ދެ ސަބަބު: ފިރިހެނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލުކުރުން އިތުރުއިރު، އަންހެނުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ފަލަބަލި-- ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފަހިވާ ނުރައްކާތައް ކުރިމަތިވުމުގައި ޢުމުރާއި ޖިންސުގެ ސަބަބުން ބޮޑެތި ފަރަޤުތަކެއް ހުރި ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން ނެރުނު އާ ދިރާސީ ރިޕޯޓަކުން ހާމަވެއްޖެއެވެ.

އެ ޖަމްޢިއްޔާގެ "ސްޓޭޓް އޮފް އިންއީކުއަލިޓީ: ނޮން-ކޮމިއުނިކަބަލް ޑިޒީޒަސް އެންޑް ދެއާ ރިސްކް ފެކްޓާސް" ރިޕޯޓުގައިވާ ގޮތުން، ފިރިހެނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ބަނގުރާ ބުއިން އިތުރު ނަމަވެސް، އަންހެނުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ފަލަބައްޔާއި ހެލިފެލިވެ އުޅުން މަދުވުމުގެ މައްސަލައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި މިފަދަ ބަލިތަކާއި އޭގެ ނުރައްކާތަކުގެ ފަރަޤު ވަޒަންކޮށް، ނެރުނު މިފަދަ ފުރަތަމަ ރިޕޯޓެވެ.

ރިޕޯޓުން ހާމަވާ ގޮތުގައި، ދުންފަތާއި ބަނގުރަލުގެ އިތުރުން ލޮނު ބޭނުންކުރާ މިންވަރާއި ލޭގައި ކޮލެސްޓްރޯލް ހުންނަ ނިސްބަތް ފިރިހެނުންގެ މެދުގައި ވަރަށް ބޮޑަށް މައްޗެވެ. އަދި މަސައްކަތުގެ މާޙައުލާ ގުޅިގެން ޖެހޭ ފުއްޕާމޭގެ ބަލިތައް ގިނައިން ތަޙައްމަލުކުރަނީ ފިރިހެނުން ކަމުގައިވީ ނަމަވެސް، ލޭމައްޗަށް ދިއުމުގެ މައްސަލަ ދެނެގަނެ ފަރުވާ ހޯދުމުގެ ފުރުޞަތު އަންހެނުންނާ އަޅާބަލާއިރު ފިރިހެނުންނަށް ލިބެނީ ވަރަށް މަދުންނެވެ.

އަނެއްކޮޅުން، ޚާއްޞަކޮށް އާމްދަނީ ދަށް އަދި މެދު މިންވަރަކަށް ލިބޭ ޤައުމުތަކުގައި ފަލަބަލީގެ ޝިކާރައަކަށް ވާ އަންހެނުންގެ ނިސްބަތް އިންތިހާއަށް އިތުރުވެފައިވާއިރު، އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުމުގެ މައްސަލަ ވެސް އެންމެ ބޮޑީ އެމީހުންގެ މެދުގައެވެ. އެހެން ނަމަވެސް، ހަކުރުބައްޔާއި ނޭވާލާ ނިޒާމުގެ ދިގުމުއްދަތުގެ ބަލިތައް ޖެހުމާއި އެ ބަލިތަކަށް ފަރުވާ ހޯދުމުގައި ދެޖިންސުގެ ދެމެދުގައި ފާހަގަކުރެވޭ ފަދަ ބޮޑު ތަފާތެއް ނެތެވެ.

ދުޅަހެޔޮ ކާނާ އާއި ޤަވާޢިދުން ކަސްރަތުކުރުމަކީ ގައިންގަޔަށް ނާރާ ބަލިތަކާއި ފަލަބަލިން ރައްކާތެރިވުމަށް ކޮންމެހެން މުހިންމު ކަންކަން-- ފޮޓޯ/ޕިންޓްރެސްޓް

މި ރިޕޯޓުގައި ޢުމުރުފުރާތަކަށް ބަލައި ހާމަކޮށްފައިވާ ގޮތުގައި، ދެޖިންސުގައި ވެސް ފަލަބަލީގެ ނުރައްކާ އެންމެ ބޮޑީ ޢުމުރުން 40 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޢުމުރުން 60 އަހަރު ފަހަނައަޅައި ދިއުމާއެކު، ހެލިފެލިވެ އުޅޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް ދަށަށްދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އާމްދަނީ ދަށް އަދި މެދު މިންވަރަކަށް ލިބޭ ޤައުމުތަކުގައި ބަނގުރަލުގެ ނުރައްކާ އެންމެ ބޮޑީ ޢުމުރުން 25 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނަށް ކަމަށްވާއިރު، ޒުވާނުންނާއި ޢުމުރުން 65 އަހަރުން މަތީގެ މީހުންގެ މެދުގައި ބަނގުރާ ބުއިން ނިސްބަތުން މަދެވެ. ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުން ވެސް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ އެންމެ ޒުވާން ޢުމުރުފުރާ އާއި އެންމެ ދުވަސްވީ ޢުމުރުފުރައިގައެވެ.

ޞިއްޙީ ނުރައްކާތައް އިތުރުވުމުގައި އިޖުތިމާޢީ އަދި މާލީ ޙާލަތު ބޮޑު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ރިޕޯޓުގައި ބުނެފައިވަނީ، ތަޢުލީމީ ފެންވަރު ދަށް އާބާދީތަކުގައި ލޭމައްޗަށް ދިއުމާއި ހަކުރުބަލީގެ ނިސްބަތް ވަރަށް ބޮޑަށް އިތުރު ކަމަށެވެ. ޚާއްޞަކޮށް ފަޤީރު އަދި ތަޢުލީމު ލިބިފައިނުވާ ފިރިހެނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލުކުރުން އާންމުވެފައިވާއިރު، ގޭތެރޭގައި އެހެން މީހުން ދުންފަތުގެ ބޭނުންކުރުމުގެ ސަބަބުން އުފެދޭ ދުމުގެ ސަބަބުން ޞިއްޙަތަށް ލިބޭ ގެއްލުންތަކާ މެދު އެފަދަ މީހުންގެ މެދުގައި ހޭލުންތެރިކަން ކުޑައެވެ. މީގެއިތުރުން، އާމްދަނީ ދަށް އާއިލާތައް ދިރިއުޅޭ ގޭބިސީތަކުގެ ވައި ތަޣައްޔަރުވުމުގެ މައްސަލަ ވެސް ނިސްބަތުން ބޮޑެވެ.

ޞިއްޙީ ފަރުވާ ލިބިގަތުމުގައި ވެސް މާލީ ފަރަޤުތައް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ބައެއް ޤައުމުތަކުގައި އަންހެނުންނަށް އުރަމަތީގެ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަވަހަށް ދެނެގަތުމުގެ ޓެސްޓުތައް ހެދުމުގެ ފުރުސަތު އިންތިހާއަށް ހަނިވެފައިވާއިރު ބައެއް ޤައުމުތަކުގެ ރަށްފުށުގެ ސަރަޙައްދުތަކުގައި އިޤުތިޞާދީ ގޮތުން ހުރި ފަރަޤުތައް ބޮޑުވުމުގެ ސަބަބުން، ލޭމައްޗަށް ދިއުމުގެ ފަރުވާ އާއި ކެންސަރު ސްކްރީންކުރުން ފަދަ އަސާސީ ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި އެފަދަ އާބާދީތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ޢުމުރުން ދުވަސްވުމާއެކު ޙަރަކާތްތެރިވެ އުޅޭ މިންވަރު މަދުވެ، ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ނުރައްކާ ދެޖިންސުގައި ވެސް ބޮޑުވެގެންދޭ-- ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ވަޒީފާ ނެތުމާއި ނުކުޅެދުންތެރިކަން އަދި އެއްތަނުން އަނެއްތަނަށް ހިޖުރަކުރުމަކީ ވެސް ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމަށް މަގުފަހިވާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ވަޒީފާ ނެތް މީހުންގެ މެދުގައި ހެލިފެލިވެ އުޅުން މަދުވުމުގެ މައްސަލަ ކުރިމަތިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބަލިތަކުން ރައްކާތެރިވުމާއި ފަރުވާ ހޯދުމުގައި ދަތިތައް އެބަހުއްޓެވެ. ހަމައެއާއެކު ހިޖުރަވެރިންނަށް މާލީ، އިދާރީ އަދި ބަހުގެ ހުރަސްތަކުގެ ސަބަބުން ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.

ދުނިޔޭގައި މީހުން މަރުވާ އެންމެ ބޮޑު ސަބަބަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާއިރު، 2023 ވަނަ އަހަރު މި ބަލިތަކުގައި މަރުވި މީހުންގެ 40 އިންސައްތައަކީ އުމުރުން 70 އަހަރު ނުވަނީސް ދުނިޔެ ދޫކުރި މީހުންނެވެ. އަދި މީގެ ތެރެއިން ގިނަ މަރުތަކަކީ ރައްކާތެރިވެވޭނެ ޙާލަތްތައް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ހެލްތު އިންއީކުއަލިޓީ މޮނިޓަރިން ޓީމުގެ ލީޑް ޑރ. އަޙްމަދު ރިޒާ ޙުސައިންޕޫރު ވިދާޅުވީ، ޞިއްޙީ ހުރިހާ ދާއިރާއެއްގައި ވެސް ފަރަޤުތައް ހުރިކަން އެނގޭ ނަމަވެސް، މިއީ ދުނިޔޭގެ ފެންވަރުގައި އެފަދަ ފަރަޤުތައް ހުރި މިންވަރު އެންމެ ފުރިހަމައަށް ދެނެގަނެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ހޯދުންތަކުގެ އަލީގައި، ޞިއްޙީ ނިޒާމުގެ ތެރެއިން އެކަހެރިވެފައިވާ އާބާދީތައް ފާހަގަކުރެވި، އެންމެންނަށް ހަމަހަމަކަމާއެކު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް