އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަން ކޯޓަށް ސިޓީއެއް ފޮނުވަނީ

ޕީޖީ އޮފީހުގެ މައުލޫމާތާއި ތަފާސްހިސާބު ހިމެނޭ ނިއުސްލެޓާ އަދި ވެބްސައިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވާހަކަދައްކަވަނީ / ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީޢަތް، މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކާ އެ އޮފީހުން އެ މައްސަލައެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، މީގެ ބޭނުމަކީ ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަން ކޯޓުތަކަށް ބާރު އެޅުން ކަމަށެވެ. އެގޮތުން އެ މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، ސިޓީއެއް ތައްޔާރުކޮށް ކޯޓުތަކަށް މިހާރު އަމިއްލައަށް ފޮނުވޭނެކަމަށް އެ އޮފީހުން ބުންޏެވެ. އަދި މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް އެ މުޢާމަލާތުތައް ފެންނަން ހުންނާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ ކުރިން އެ އޮފީހުން ވަނީ، ތަހުގީގީ އިދާރާއަކުން ކަންތައްކުރި ގޮތާމެދު އޮންލައިންކޮށް ޝަކުވާ ހުށަހެޅޭ ނިޒާމެއް ތައާރަފުކޮށްފައެވެ.

އެގޮތުން، މީހަކު ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން، އެ އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ އެކަން ބަލައިދިނުމަށް އެދި ޕީޖީއަށް މިހާރު ޝަކުވާ ހުށަހެޅޭނެއެވެ.

ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ މި ބަދަލުތައް ގެނައުމުގެ މަގުސަދަކީ ޕީޖީ އޮފީސް، ލަގްޒަރީ ޕަބްލިކް ސާވިސްއަކަށް ހެދުން ކަމަށެވެ.

comment ކޮމެންޓް