ވިލިމާލޭގެ މަގުތައް ޑިޒައިން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް: މުއްތަލިބު

ވިލިމާލެ މަގުމަތި: ވިލިމާލޭގެ މަގުތައް ހެދުމަށް ބޭނުންވާ ސާވޭތަކާއި އިއައިއޭ ހެދުމުގެ މަސައްކަތް، ސަރުކާރުން ވަނީ އާރުޑީސީ އާއި ހަވާލުކޮށްފައި --- ސަން ފައިލް ފޮޓޯ

މާލޭގެ ފަސްވަނަ އަވަށް، ވިލިމާލޭގެ މަގުތައް ހަދާނީ އެ އަވަށުގެ ރައްޔިތުން ބޭނުންވާ ޑިޒައިނަކަށް ކަމަށާއި، ވިލިމާލޭގެ އެއްވެސް ކަމެއް ރައްޔިތުން ބޭނުންނުވާ ގޮތަށް ކުރިއަށް ނުގެންދަވާނެކަމަށް އިންފްރާންޓަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް ރޭ ދެއްވި އިންޓަވިއުއެއްގައި މުއްތަލިބު ވިދާޅުވީ، ވިލިމާލޭގެ މަގުހެދުމުގެ މަޝްރޫއުތަކަކީ އެހެން މަގުހެދުމުގެ މަޝްރޫއުތަކާ ތަފާތުކޮށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން، އެހެން މަޝްރޫއުތަކުގައި މިނިސްޓްރީން ފުރަތަމަ ހަދަނީ ޑިޒައިން ކަމަށާއި ރައްޔިތުންގެ މަޝްވަރާއަށް ދަނީ އެއަށް ފަހުއެވެ. ނަމަވެސް، ވިލިމާލޭގައި އެންމެ ފުރަތަމަ ކުރިއަށް ދަނީ ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަންތަކުން، ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްތޯ ބެލުންކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.

"އަޅުގަނޑުމެން މި ފެށީ އެއްވެސް ޑިޒައިނެއް އޮވެގެނެއް ނޫން. ކަނޑައެއް ނާޅަން ކޮން މަގެއްގަތޯ ތާރު އަޅާނީ، ކޮން މަގެއްގައިތޯ ގާ އަތުރާނީ، ނޫނީ އެއްކޮށް ގާ އަތުރާނީތޯ ވެސް އަޅުގަނޑުމެން ނުނިންމަން. މި ވަގުތު ވަރަށް ބޮޑަށް ވިލިނގިލީގެ ކަމާއި ބެހޭ ފަރާތްތަކާއި ރައްޔިތުންގެ ގްރޫޕުތަކާ މަޝްވަރާކުރަމުން މިދަނީ ކޮން ގޮތަަކަށްތޯ އެ ބޭފުޅުން ބޭނުންވަނީ،" މުއްތަލިބު ވިދާޅުވިއެވެ.

މަގުތަކުގެ ޑިޒައިނާއި، ޕޭވިންގެ މަސައްކަތް ވެސް ކުރިއަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތަަށްކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި، ފުރަތަމަ މަޝްވަރާ މަރުހަލާއަށް ފަހު ސަރުކާރުން ކަނޑައަޅާ ޑިޒައިންތައް އަނެއްކާ ވެސް ރައްޔިތުންނަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މިއީ، އެހެން މަޝްރޫއުތަކަށްވުރެ މާ ބޮޑު ސަމާލުކަމެއް ދީގެން ވީހާ ވެސް ބޮޑަށް އެ ރަށުގައި ހުރި ގަސްތަކަށް ގެއްލުން ނުވާނެ ގޮތަަށް މަސައްކަތް ކުރިއަށް ގެންދާނޭ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/187172

ވިލިމާލެ އަކީ ވަރަށް ބޮޑަށް ފެހި ގަސްތައް ހުރި، މީހުން ދުއްވާ އެއްޗެހީގައި އުޅޭ ތަނެއްގެ ބަދަލުގައި ހިނގާބިގާވެ އުޅޭ، "އީކޯ ފްރެންޑްލީ" ތަނެކެވެ.

ވިލިމާލޭގައި ދުއްވަނީ ވެސް ބެޓަރީ ސައިކަލާއި، އިލެކްޓްރިކް ބަސް އަދި ބަގީއެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާރްޑީސީއާ ހަވާލުކުރި މަސައްކަތުގެ ބޭނުމަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތާއި، މަގު ހެދުމަށް ހިނގާނެ ޚަރަދު ދެނެގަތުމެވެ. އެ ކޮންޓްރެކްޓުގެ އަގަކީ 1.79 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއާއި ގުޅޭގޮތުން، ވިލިމާލޭގެ ދެ ޖަމިއްޔާ ކަމަށްވާ 'ވިލިޖޯލި' އަދި 'ސޭވް ދަ ބީޗް'އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

comment ކޮމެންޓް