ހައްޖުގެ އަގު ހެޔޮ ކުރަން މަސައްކަތްކުރޭ، ދެ އަހަރެއް ތެރޭ ބަދަލު ފެންނާނެ: ޝަހީމް

'އަހާ' ފޯރަމްގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ: ހައްޖުގެ އަގު ހެޔޮ ކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ދެ އަހަރެއް ތެރޭ ބަދަލު ފެންނާނެ ކަމަށް އޭނާ ވިދާޅުވި --ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހައްޖުގެ އަގު ހެޔޮ ކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއް ތެރޭ ބަދަލު ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަޒީރުންނާ ސުވާލުކުރުމަށް، ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި 'އަހާ' ފޯރަމްގައި ޝަހީމް ވިދާޅުވީ ހައްޖުގެ އަގު ހެޔޮ ކުރަން ކުރީ ސަރުކާރުން މަސައްކަތްކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ބަދަލުވި ހިސާބުން ދެން އެ މިސްރާބަކަށް މަސައްކަތެއް ނުކުރެވޭ. އަލުން މިސްރާބަށް ގެނެސް މި މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހައްޖުގެ އަގު ހެޔޮ ކުރުމަކީ "އެއްދުވަހުން ދެދުވަހުން" ކުރެވޭނެ ކަމެއް ނޫން ކަމުގައި ސިފަކުރައްވައި ޝަހީމް ވިދާޅުވީ، އެކަން ކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ. އެކަމަށް ސިޔާސަތުތަކެއް ކަނޑައަޅައި، އިގުތިސާދީ ވިސްނުންތަކެއް ކުރިއަށް ނެރެން ޖެހޭ ކަމަށާއި ހައްޖު ކޯޕަރޭޝަނުން މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ ކުރީކޮޅު ސައުދީ އަރަބިއާއަށް ވަޑައިގަތް ޝަހީމް ވިދާޅުވީ، އެއީ ދިވެހި އިސްލާމިކް މިނިސްޓަރަކު 10 އަހަރު ތެރޭ އެގައުމަށް ވަޑައިގަތް ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން އެންމެ ފަހުން ވެސް، 2014 ވަނަ އަހަރު މިނިސްޓަރު ކަމުގައި ހުންނަވައި ވަޑައިގަތީ އޭނާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

"އޭގެ ފަހުން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު ރަސްމީކޮށް ސައުދީއަށް ގޮސްފައެއް ނުވޭ. މިއީ ވަރަށް ދެރަ ކަމެއް. ދިވެހި ރައްޔިތުންނަށް އެންމެ އަސާސީ ދީނީ ޚިދުމަތް ފޯރުކޮށްދޭ ދައުލަތަކީ ސައުދީ އަރަބިއާ، ހައްޖާއި އުމްރާގެ ޚިދުމަތް،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ގިނަ މިސްކިތްތައް އެޅުމަށް އެހީވެދިނީ ވެސް އެގައުމުންކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ހަވާލުވެ ހުންނަވާ މީހަކު އަބަދުވެސް ސައުދީއަށް ދާންޖެހޭނެ ކަމަށެވެ.

މީގެ އިތުުރުން އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން އަރަފާތު ބިމުގައިއާއި މިނާގައި ތިބޭތަން ރަނގަޅު ތަނަކަށް ހެދުމަށްޓަކައި، ރައީސްގެ އިރުޝާދުގެ ދަށުން ސައުދީގެ ހައްޖު މިނިސްޓަރާ އޭނާ ބައްދަލުކޮށް މަޝްވަރާކުރެއްވި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިހާރު އެކަން ވަނީ ހަމަޖެހިފައި. މިނާ އާއި އަރަފާތުގައި ދިވެހިން ތިބޭ ތަނާއި ދިވެހިންނަށް ލިބޭ ޚިދުމަތް މިފަހަރު، ކުރިއަށް އޮތް ހައްޖުގައި ﷲ އިރާދަކުރެއްވިއްޔާ ތަފާތު ވާނެ" ޝަހީމް ވިދާޅުވިއެވެ.

ސައުދީގެ ހައްޖު މިނިސްޓްރީއިން އެކަން ހަމަޖައްސައިދިނީ ސަރުކާރުން އެދުނު ގޮތަށް ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ ކުރިން ވެސް ޝަހީމް ވަނީ ހައްޖުގެ އިތުރުން އުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް