ހައްޖުގެ ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ސްކޭމްއެއް

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މަދީނާއަށް ދިޔަ ބަޔަކު: ހައްޖު ކޯޕަރޭޝަންގެ ނަމުގައި ބަޔަކު ސްކޭމްކޯލްތަކެއް ކުރަމުންދާތީ އެ ކޯޕަރޭޝަނުން ވަނީ ސަމާލުވާން އެދިފައި -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ، ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމްތަކެއް ކުރިއަށްގެންދާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެދި އެ ކޯޕަރޭޝަނުގެ ނަމުގައި ފޯންކޯލްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެހެންމަކުން، މި ފޯންކްލޯތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދުނެވެ. އެ ކޯޕަރޭޝަނުން ބުނީ އަމިއްލަ ފަރުދެއްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް އެ ކޯޕަރޭޝަނުން ނާންގާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް އެދި ފައިސާ ދައްކާނީ ''މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް''ގެ ނަމުގައި ހުޅުވައިފައިވާ ބޭންކް އެކައުންޓްތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ، ހައްޖު ކޯޕަރޭޝަން ދޭން މި ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އާއްމުކޮށް މިހާރު ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ލިބެނީ އަހަރަކު 1،000 މީހުން ހައްޖަށް ގެންދިއުމަށެވެ. މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގެންދިއުމެވެ. ކޯޓާގެ އަނެއްބައި ދެނީ އަމިއްލަ ޖަމާއަތްތަކަށެވެ.

ހައްޖުގެ އަޅުކަން ދެން އޮންނާނީ އަންނަ ޖޫން މަހުގައެވެ.

comment ކޮމެންޓް