ހުއްދަނެތި ބިދޭސީން ކުރާ ވިޔަފާރި ހުއްޓުވަންކުރާ މަސައްކަތް ފުޅާކުރަނީ

އަމީނީމަގު ލޯކަލް މާރުކޭޓް: ބިދޭސީންނަށް ކުދި ވިޔަފާރިތައް ކުރަން ހުއްދައެއް ނުދޭނެ ކަމަށާއި އެފަދަ ވިޔަފާރި ހުއްޓުވުމުގެ މަސައްކަތް ފުޅާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުއްދަނެތި ބިދޭސީން ކުރާ ވިޔަފާރި ހުއްޓުވަންކުރާ މަސައްކަތް ފުޅާ ކުރުމަށް، މަސައްކަތްތަކެއް ރާވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތު ދިނުމަށް ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، ކުދި ވިޔަފާރިތަކުގައި ޝާމިލުވެ، އެފަދަ ވިޔަފާރި ކުރުމުގެ ހުއްދައެއް އެއްވެސް ބިދޭސީއަކަށް ދީފައި ނޯންނާނެ ކަމަށެވެ.

ނަމަވެސް އެފަދަ ވިޔަފާރިތައް ކުރަމުންދާތީ، އެކަން ހުއްޓުވުމާ ގުޅޭ ގޮތުން، އިއްޔެ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއާއި ފުލުހުން ބައްދަލުވުމެއް ބޭއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑު ފުލުހުންނަށް އެދުނިން ބިދޭސީން ކުރާ ވިޔަފާރިތަކުގެ ތެރޭގައި އައިޑެންޓިފައި ކޮށްފައި، ހުއްދަ ނެތް ވިޔަފާރިތައް މިނިސްޓްރީއަށް އެންގީމަ އެ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެގޮތަށް، ކޮންމެ ރަށެއްގައި ވެސް ދިރިއުޅޭ ބިދޭސީންގެ ދަފުތަރެއް އެކުލަވާލަން ލޯކަލް ގަވަނެންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

"މިނިސްޓްރީއާ ހިސާބަށް، ތަންފީޒީ އިދާރާތަކުން އެ މައުލޫމާތު ދިނީމަ މިނިސްޓްރީން ފަހަތަކަށް ނުޖެހޭނެ ފިޔަވަޅު އަޅަން،" ސައީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ތަންފީޒީ އިދާރާތަކާ މިނިސްޓްރީތަކާއި ސިޓީތަކާއި ރަށު ކައުންސިލްތަކާއި ވިޔާފަރީވެރިން ގުޅިގެން އެފަދަ ވިޔަފާރިތައް ހުއްޓުވޭނެއެވެ.

ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީންނަށް ހުރިހާ ފައިދާއެއް ލިބޭ ގޮތަށް ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް ރައްޔިތުންގެ މަޖިލީހުން ވަނީ ނޮވެމްބަރު 29، 2021 ވަނީ ފާސްކޮށްފައެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނަށް ގެނައި އެ އިސްލާހުގައި ވަނީ، އެ ގާނޫނާ ހިލާފުވުމުން ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅައިފައެވެ.

comment ކޮމެންޓް