ކަޅުއޮށްފުންމީގެ ނަކަލު އަސްލާ އެއްގޮތެއް ނޫން: ނަޝީދު

ކަޅުއޮށްފުންމީގެ ނަކަލު މާލެ ބަނދަރުގައި --- ސަން ފޮޓޯ/އިންފިނިޓް މޮމެންޓްސް/މޫސާ ނަދީމް

ރާއްޖޭގެ ތާރީޚާ ގުޅިފައިވާ އޮޑިއެއް ކަމަށްވާ ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އަސްލާ އެއްގޮތަށް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނެސްފައިވަނީ ރޭގައެވެ. ކަޅުއޮށްފުންމި މާލެ ގެނައީ މުދާ އުފުލާ ބަނޑެއްގައެވެ.

މިކަމާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަޅުއޮށްފުންމި އަނގަމަތި މަސްދޯންޏެއްގެ ގޮތަށް ސިފަކޮށްފައިވަނީ، އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އެ އޮޑިއަކީ ބަޑި ބެހެއްޓި ނަވަކަށްވުން މާ ގާތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކަޅުއޮށްފުންމިއަކީ މީލާދީން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މައުލޫމާތު ދިރާސާކުރުމަށް ފަހު، ލިބުނު ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، އެ އޮޑީގެ ނަކަލު ބަނދެވުނީ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

ދިގުމިނުގައި 51 ފޫޓު ހުންނަ ނަކަލު ކަޅުއޮށްފުންމި މޫދަށް ބޭލީ ޑިސެމްބަރު 2, 2015 ގައެވެ. މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލައިފައެވެ.

comment ކޮމެންޓް