ކަޅުއޮށްފުންމީގެ ނަކަލު މިރޭ މާލެ ގެނެސްފި

ކަޅުއޮށްފުންމީގެ ނަކަލު މާލެ ބަނދަރުގައި --- ސަން ފޮޓޯ/އިންފިނިޓް މޮމެންޓްސް/މޫސާ ނަދީމް

ރާއްޖޭގެ ތާރީޚާ ގުޅިފައިވާ އޮޑިއެއް ކަމަށްވާ ކަޅުއޮށްފުންމީގެ ނަކަލު މިރޭ މާލެ ގެނެސްފިއެވެ.

މާލެ އައުމަށް އާރަށުން ފުރާފައިވަނީ މިރޭ 11:00 ގައެވެ. ކަޅުއޮށްފުންމި މާލެ ގެނައީ މުދާ އުފުލާ ބަނޑެއްގައެވެ.

އެގޮތުން މިރޭ 11:15 ގައި، ކަޅުއޮށްފުންމި ބަނދަރުކޮށްފައި ވަނީ މާލެ އެއް ނަންބަރު ފާލަމަށެވެ.

ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މީގެ ކުރިން ބުނީ، ކަޅުއޮށްފުންމި ބާއްވަން ނިންމައިފައިވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދުގައި ކަމަށެވެ.

ކަޅުއޮށްފުންމި ބޭއްވުމަށް އެ ސަރަހައްދު ތައްޔާރުކުރަމުން އަންނަ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

މި މަޝްރޫއާ ގުޅިގެން ކުރަން ރޭވިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:

  • މަރާމާތުގެ މަސައްކަތް ކޮންސަލްޓުންޓާ ހަވާލުކުރުން
  • ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބަހައްޓާތަން ތައްޔާރުކުރުން
  • އޮޑިހަރުގެ އެޅުން
  • ކަޅުއޮށްފުންމި ބަލައިލަން ތިބެވޭނެ ޕްލެޓްފޯމް ތައްޔާރުކުރުން ހިމެނެއެެވެ.
    ކަޅުއޮށްފުންމީގެ ނަކަލު މާލެ ބަނދަރުގައި --- ސަން ފޮޓޯ/އިންފިނިޓް މޮމެންޓްސް/މޫސާ ނަދީމް

ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން، އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަ ބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށް ޓަކައި ކަމަށް އެ ވުޒާރާއިން މީގެކުރިން ވަނީ ބުނެފައެވެ.

https://sun.mv/187776

ވުޒާރާއިން ބުނެފައިވަނީ، ކަޅުއޮށްފުންމީގެ މަރާމާތުގެ މަސައްކަތްތަކަށް ފަހު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވައިލާނީ ހާއްސަ ރަސްމިއްޔާތަކުން ކަމަށާއި، އަދި ކުރިއަށް އޮތް ތިން ހަފުތާއެއްހައި ދުވަސް ތެރޭގައި މަސައްކަތް ނިންމައިލެވޭނެ ކަމަށެވެ.

ކަޅުއޮށްފުންމިއަކީ މީލާދީން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މައުލޫމާތު ދިރާސާކުރުމަށް ފަހު، ލިބުނު ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، އެ އޮޑީގެ ނަކަލު ބަނދެވުނީ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

ދިގުމިނުގައި 51 ފޫޓު ހުންނަ ނަކަލު ކަޅުއޮށްފުންމި މޫދަށް ބޭލީ ޑިސެމްބަރު 2, 2015 ގައެވެ. މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލައިފައެވެ.

comment ކޮމެންޓް