އައިއޯއެސް 17.3 ނެރެފި، އައިފޯން ވަގަށް ނެގިޔަސް މައުލޫމާތު ރައްކާތެރިކޮށްދޭނެ

ސެކިއުރިޓީ ފީޗާތަކުގެ އިތުރުން ރީތި ވޯލްޕޭޕަރުތައްވެސް މި އަޕްޑޭޓްގައި ހިމެނޭ ---

ސްމާޓްފޯނު އުފެއްދުމުގެ ރަސްގެފާނު، އެޕަލްއިން އައިއޯއެސް 17.3 އަދި އައިޕެޑްއޯއެސް 17.3 ތައާރަފުކޮށްފިއެވެ.

މިއީ ކުޑަ އަޕްޑޭޓެއް ނަމަވެސް އޭގެ ތެރޭގައި "ސްޓޯލެން ޑިވައިސް ޕްރޮޓެކްޝަން"ގެ ނަމުގައި ވަރަށް މުހިންމު އާ ފީޗާއެއް ވަނީ ހިމަނައިފައެވެ. މިފީޗާ އެހީވެދޭނީ އައިފޯން ނުވަތަ އައިޕެޑް ވަގަށް ނަގައިފިނަމަ ފޯނުގެ ވެރިމީހާގެ ޒާތީ މައުލޫމާތު ރައްކާތެރި ކޮށްދިނުމަށެވެ.

އަލަށް ތަޢާރަފުކުރި މިފީޗާގެ ސަބަބުން ޑިވައިސް ހޯދުމުގައި އެހީއެއް ނުވި ނަމަވެސް ވައްކަން ކުރާ މީހުންނަށް ފޯނު ސިސްޓަމަށް ވަނުމަށް ހުރަސް އަޅާނެއެވެ.

"ސްޓޯލެން ޑިވައިސް ޕްރޮޓެކްޝަން" ފީޗާ އެންމެ ފުރަތަމަ ތަޢާރަފުކުރީ އައިއޯއެސް 17.3ގެ ޑިވެލޮޕަރު ބީޓާއަށް ކަމަށްވާއިރު، ޑިވެލޮޕަރުންވަނީ އެފީޗާ ޓެސްޓްކޮށް ޔޫޒަރުންނަށް އެމީހުންގެ ޒާތީ މައުލޫމާތު ދެން ނުހޯދޭނެކަމުގެ ޔަޤީންކަން ދީފައެވެ. އެހެންކަމުން މިއީ ވަރަށް ބޭނުންތެރި މުހިންމު ފީޗާއަކަށް މިވަނީ ވެފައެވެ.

އެ ފީޗާގެ ސަބަބުން ޑިވައިސް އަންލޮކް ކުރުމަށް ފޭސް އައިޑީ ނުވަތަ ޓަޗް އައިޑީ އެކްސެސް ބޭނުންވާނެއެވެ. އެހެންކަމުން ވައްކަން ކުރާ މީހުންނަށް އެމީހެއްގެ ޕާސްކޯޑް އެނގުނު ކަމުގައި ވިޔަސް، އެމީހުންނަށް ވެރިމީހާގެ ބަޔޯމެޓްރިކްސް އޯވަރައިޑް ނުކުރެވޭނެއެވެ. އަދި ޑިވައިސް ވަގަށް ނަގާފައިވާނަމަވެސް ޕާސްކޯޑު ބަދަލުކުރުމަށް އެލޯ ކުރުމުގެ ކުރިން އެއް ގަޑިއިރުގެ ސެކިއުރިޓީ ޑިލޭއެއް ވެސް މި ފީޗާއިން ތަންފީޒުކުރެއެވެ.

ސްޓޯލެން ޑިވައިސް ޕްރޮޓެކްޝަންގެ ސަބަބުން ވައްކަން ކުރާ މީހުންނަށް ޑިވައިސް ބޭނުންކުރުމުގެ ފުރުޞަތު ވަރަށްބޮޑަށް ހަނިވެފައިވާއިރު، އެފީޗާ އައިފޯނުގެ އިތުރުން އައިޕެޑްގައި ވެސް މަސައްކަތް ކުރާނެއެވެ.

އައިއޯއެސް 17.3ގައި އިތުރު އަޕްޑޭޓްތައްވެސް ހުރިއިރު، އޭގެތެރޭގައި އެޕަލް މިއުޒިކާއި އެއާޕްލޭ ހޮޓެލް ސަޕޯޓާއި، އިމްޕްރޫވްޑް ކްރޭޝް ޑިޓެކްޝަން އަދި ބްލެކް ހިސްޓްރީ މަންތްގެ އާ ވޯލްޕޭޕަރުތަކާއި، ކޯލަބްރޭޓިވް ޕްލޭލިސްޓްތައް ހިމަނާފައިވެއެވެ.

އެޕަލްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާގޮތުން އައިއޯއެސް 17.3 ސަޕޯޓްކުރާނީ 2018 ވަނަ އަހަރުން ފެށިގެން ނުވަތަ އޭގެ ފަހުން ނެރެފައިވާ އައިފޯނުތަކަށެވެ. އޭގެތެރޭގައި އައިފޯން އެކްސް، އެކްސްއެސް މެކްސް ނުވަތަ އެކްސްއާރް ނުވަތަ އައިފޯން 11އިން 15އަށް ކޮންމެ ފޯނަކަށް ވެސް ސަޕޯޓްކުރާނެއެވެ. އަދި އައިފޯން އެސްއީ ސެކަންޑް އަދި ތިން ވަނަ ޖެނެރޭޝަންގެ މޮޑެލްތަކުގައި ވެސް އެ އޯއެސް މަސައްކަތް ކުރާނެއެވެ.

އައިޕެޑްއޯއެސް 17.3އަށް ބަލާއިރު، އައިޕެޑް މިނީ ފިފްތް ޖެނެރޭޝަން އާއި، ސްޓޭންޑަޑް އައިޕެޑް ސިކްސްތް ޖެނެރޭޝަން އާއި، އައިޕެޑް އެއާ ތާޑް ޖެނެރޭޝަން އާއި ހުރިހާ އައިޕެޑް ޕްރޯ މޮޑެލްތަކަށް ސަޕޯޓްކުރާނެއެވެ.

އެޕަލްއިން ވަނީ އާ ވޮޗް ފޭސްއަކާ އެކު ވޮޗްއޯއެސް 10.3 ތަޢާރަފު ކުރުމުގެ އިތުރުން އެޕަލް މިއުޒިކަށް ކޯލަބްރޭޓިވް ޕްލޭލިސްޓްތައް ހިމެނޭ މެކްއޯއެސް ސޮނޯމާ 14.3 ވެސް ނެރެފައެވެ.

އެމެރިކާގެ ކޯޓު އަމުރަކާ ގުޅިގެން އެޕަލްއިން ވަނީ އެޕް ސްޓޯރުގެ ސިޔާސަތުތަކަށް ބަދަލު ގެނެސް، ޑިވެލޮޕަރުންނަށް އިން-އެޕް ގަތުމަށް ބޭރުގެ ވެބްސައިޓްތަކަށް ޑައިރެކްޓް ކުރުމުގެ ފުރުސަތު ދީފައެވެ. މި ބަދަލުގެ ސަބަބުން އެޕް ސްޓޯރުގެ ޕޭމަންޓް ސިސްޓަމް ބޭނުން ނުކުރުމަށް އިސްކަންދޭ ޑިވެލޮޕަރުންނަށް އެހެން ސައިޓްތައް މެދުވެރިކޮށްވެސް ޕޭކުރެވޭނެއެވެ.

comment ކޮމެންޓް