ޅެންވެރިންގެ ދުވަސް ފާހަގަކޮށް، ''ޅެންވެރިޔާ 2024'' މުބާރަތުގެ ވަނަތައް ހާމަކޮށްފި

ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

މި އަހަރުގެ ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ލިޔުންތެރިންގެ ގުޅުމުން އއ. މާޅޮހުގައި ޖަލްސާއެއް ބާއްވައި، އެ ޖަމިއްޔާގެ "ޅެންވެރިޔާ 2024" މުބާތާރުގެ ވަނަތައް ރޭ ހާމަކޮށްފިއެވެ.

ރޭ ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. މި ޖަލްސާގައި ގިނަ އަދަދެއްގެ ޅެންވެރިން ބައިވެރިވިއެވެ. ލިޔުންތެރިންގެ ގުޅުމުން މި އަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަކޮށްފައި ވަނީ، މަރުހޫމް މުހައްމަދު ނަސީރަށެވެ.

ޖަލްސާގައި ވަނީ "ޅެންވެރިޔާ 2024" މުބާރާތުގެ ވަނަތައް ހޯދި ޅެންވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އިނާމު ހަވާލުކޮށްދެއްވީ، މިނިސްޓަރެވެ.

މީގެ އިތުރުން، މިނިސްޓަރު ނަސީރު ވަނީމުހައްމަދު ނަސީރުގެ ޅެންފޮތާ، ލިޔުންތެރިންގެ ގުޅުމުގެ "ޅެންވެރިޔާ"ގެ އަށްވަނަ އަދަދު ވެސް ރޭ ނެރެދެއްވައިފައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމެއްގައި އަދަބު އަޚުލާގު މީހެއްގެ ގައިގައި އަށަގެންނެވުމަށް ޅެން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި، ޅެމުގެ ދައުރަކީ މީހުން ތަހުޒީބުކުރުން ކަމަށް ނަސީރު ވިދާޅުވިއެވެ.

"ދިރާސާތަކުން ދައްކާ ގޮތުގައި އެނގެނީ މި ސަރަހައްދުގައި އިސްލާމީ ރޫހު މީޙުންގެ ތެރޭގައި އޮތް މިނިވަން ކަމުގެ އަސަރުތައް އުފެއްދުމުގަ ލިޔެވުނު ފިކުރީ ބޮޑެތި މަޖައްލާތަކަށް ވުރެ މާ މުހިންމު، މާ ބޮޑު އަސަރެއް ކުރުވި ކަމަށް ޅެމުން،" މީގެ މާނައަކީ ޅެމުން މުޖުތަމައުއަށް ބަދަލު ގެންނަކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ޅެންވެރިނަންކީ ގައުމެއް ދަމަހައްޓައި ދިފާއުކުރަން ވަރަށް މުހިންމު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަހުގެ ރަސްމީ ޖަލްސާ މި އަހަރު ބާއްވަން ހަމަޖެހިފައި އޮތީ ގދ. ތިނަދޫގައެވެ. މި ދުވަސް މި އަހަރު ރަސްމީކޮށް ޚާއްސަކޮށްފައިވަނީ ތިނަދޫ އަބްދުﷲ އަފީފް (އަފީފްބެ)އަަށެވެ.

comment ކޮމެންޓް