ދީނީ ޅެމެއް ހަދައިގެން ފައިސާގެ އިނާމު ހޯދަން ހުޅުވާލައިފި

ކުރިއަށް އޮތް ރަމަޟާން މަހުގެ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން ދީނީ މައުޟޫއަށް ޅެން ހަދައިގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު އެސްއެސްޓީ އާއި ދިވެހި ބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

ސަން ސިޔާމް މީޑިއާއިން ހިންގާ އެސްއެސް ޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން މިއަދު ވިދާޅުވީ މި މުބާރާތުގައި ބައިވެރި ކުރެވޭނީ އިސްލާމް ދީނުގެ ކަރާމަތާއި ހައިބަތާ ގުޅުންހުރި، އިސްލާމީ ޝިޢާރު ފާޅުކޮށްދޭ، އަށް ބައިތުގެ މައްޗަށް އެކުލެވޭ ޅެންތައް ކަމަށެވެ. އަދި އެ ޅެންތަކަކީ މުޅިން އަލަށް ހަދާ ޅެންތަކަށް ވާން ޖެހޭނެ ކަމަށް ޒަހީން ވިދާޅުވިއެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ މީހަކަށް ވެސް ގިނަ ވެގެން ހުށަހެޅޭނީ ފަސް ޅެން ކަމަށް ވެސް ޒަހީން ވިދާޅުވިއެވެ.

އެސްއެސްޓީވީ އާއި ބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ޅެން ފޮނުވާނީ މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޓެލެގްރާމް، ވަޓްސްއަޕް، ނުވަތަ ވައިބާ މެދުވެރިކޮށް 7300111 އަކަށެވެ.

ޅެން ފޮނުވަންވާނީ މައިކްރޯސޮފްޓް ވޯލްޑް ޑޮކިއުމެންޓް ފޯމެޓްގައި ކަމަށް އެސްއެސްޓީވީއިން ބުނެއެވެ. އަދި ފޮނުވާއިރު ޅެން ފޮނުވާ މީހާގެ ނަމާއި އެޑްރެސް، އައިޑީކާޑް ނަމްބަރުގެ އިތުރުން ގުޅޭނެ ފޯނު ނަމްބަރު ހިމަނަން ވާނެއެވެ. އަދި ހުށަހަޅާ ޅެމަކީ މި މުބާރާތަށް އަލަށް ހެދި ޅެމެއްކަން އެނގޭގޮތަށް އެކަން ބަޔާންކޮށް ސޮއި ހިމަނަން ވާނެ ކަމަށް އެސްއެސްޓީވީއިން ބުނެއެވެ.

ޒަހީން ވިދާޅުވީ މި މުބާރާތަށް ފޮނުވާ ޅެންތަކުގެ ތެރެއިން ފެންވަރަށް ބެލުމަށް ފަހު، މުބާރާތުގައި ހިމަނާ ޅެންތަކަށް، އަޑާއި މަންޒަރު އަޅައި، އެސްއެސްޓީވީގެ ރަމަޟާން މަހުގެ ޚާއްޞަ ޕްރޮގްރާމްތަކުގައި ބްރޮޑްކާސްޓް ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ދައުރު ކުރާނެ ކަމަށެވެ.

ރަމަޟާން މަސް ނިމުމުން މި މުބާރާތުން ވަނަތައް ހޮވައި ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އެއް ވަނައަށް ހޮވޭ ޅެންވެރިއަކަށް 5000 ރުފިޔާ އަދި ދެވަނައަށް ހޮވޭ ޅެންވެރިއަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ތިން ވަނައަށް ހޮވޭ ޅެންވެރިއަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް