ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ޅެންވެރިޔާ ޙަސަން ޝާކިރު މުޙައްމަދު ހޮވިވަޑައިގެންފިއެވެ.
އެ މަގާމަށް ޝާކިރު ހޮވިވަޑައިގަތުމުން އެކެޑަމީގެ މެންބަރުން ވަނީ، މަރުހަބާ ދަންނަވާފައެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމުގެ މަގާމަށް ޝާކިރު ހޮވިވަޑައިގަތީ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް މިދިޔަ މަހު 31ގައި އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު ހޮވުމަށް ކުރިއަށްގެންދިޔަ މަރުހަލާއަށްފަހުގައެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޝާކިރުގެ ނަން ފޮނުއްވުމާއެކު އެކެޑަމީގައި ތިއްބަވާ ފަސް މެންބަރުން ވެސް ވޯޓު ދެއްވީ އެ މަގާމަށް ޝާކިރު އައްޔަނުކުރުމަށެވެ.
ޝާކިރު އެންމެ ފަހުން ހުންނެވީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. އޭނާ ވަނީ މީގެ ކުރިން މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
ދެ ހާސް ބާވީސް ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝާކިރަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ.

ޝާކިރުގެ ފޮތެއް، ގިނަ ބައެއްގެ ދިވެހި ބަހުގެ މުދައްރިސް، ސޯދުބެއާ ހަވާލުކޮށްދެއްވަނީ ---
މިހާތަނަށް އަށް ފޮތެއް ލިޔުއްވައި ނެރުއްވާފައިވާއިރު، ޝާކިރު ވަނީ ޅެންވެރިކަމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން މިހާތަނަށް ފަސް ފޮތެއް ލިޔުއްވައި ޝާއިޢު ކުރައްވައިފައިވެއެވެ. އޭގެތެރޭގައި، "ވީގޮތް" ނަމުގައި ސަމާސާ އަދަބުގެ ފޮތަކާއި، "އަޅުގަނޑު ދުށް ބައެއް ޝަޚްޞިއްޔަތުން" ގެ ނަމުގައި ލިޔުއްވައިފައިވާ ފޮތަކާއި، ތިން ޅެންފޮތް ހިމެނެއެވެ.
އޭގެ އިތުރުން، ޝާކިރުގެ އެޑިޓަރު ކަމުގެ ދަށުގައްޔާއި، ޝާކިރު އެހީތެރިވެދެއްވައިގެން ބައެއް ނޫސް މަޖައްލާ ނެރުއްވައިފައިވެއެވެ. ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، އާންމު ބައެއް ފަރާތްތަކަށާއި ދަރިވަރުންނަށް އެކި މުނާސަބަތުތަކާ ގުޅޭގޮތުންނާއި، މުބާރާތްތަކަށް ލަވައާއި، ޅެމާއި، މަދަޙަ ހައްދަވައިދެއްވާފައިވެއެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފޮތްތައް ޢާންމުންނަށް ފޯރުކޮށްދެއްވުމުގައިވެސް ޝާކިރަކީ މިސާލެކެވެ.
ފޮތް ލިޔުމުގެ ދާއިރާއިން 1998 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް ވަނީ، ލިބިވަޑައިގެންފައެވެ. އޭގެއިތުރަށް 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށާއި، މި ދާއިރާގެ މަސައްކަތްތައް ގިނަ ބަޔަކަށް ލިބޭނެގޮތް ހެއްދެވުމަށް 2010 ވަނަ އަހަރު "ލިޔުންތެރިންގެ ގުޅުން" މި ނަމުގައި ޖަމުޢިއްޔާއެއް އުފެއްދެވުމުގެ މަސައްކަތުން ފެށިގެން މިހާތަނަށް އެ ޖަމުޢިއްޔާގެ ޙަރަކާތްތައް ހިންގެވުމުގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޝާކިރެވެ.
އަދަބީ ގިނަ ޚިދުމަތްތަކެއް ޝާކިރު ކޮށްދެއްވާފައިވާއިރު އޭގެ ތެރޭގައި ޅެންވެރިކަމުގެ ކޯސްތައް ހިންގެވުމާއި، އަދަބީ މަސައްކަތްކުރާ މީހުންނަށް އެހީވުމުގެ އިތުރަށް އަދަބީ މުބާރާތްތަކުގައި އޭނާ ވަނީ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.