ދިވެހި ޅެންވެރިކަމަށް ހެޔޮ ބަދަލު ގެނެސް، މާނަފުންކުރަން މަސައްކަތް ކުރަންވެއްޖެ: މިނިސްޓަރު

8 މާޗް 2024: ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރަން ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ: މޫސާ ނަދީމް

ދިވެހި ޅެންވެރިކަމަށް ވެސް ޒަމާނާއެކު ހެޔޮ ބަދަލު ގެނެސް، އަލުން ދިވެހި ޅެންތަކަކީ އިހުގެ ޅެންތަކެކޭ އެއްފަދައިން މީހުންގެ ހިތަށް އަސަރުކުރުވާ މާނަފުން ޅެންތަކަކަށް ހަދަން މަސައްކަތްކުރަންވެއްޖެ ކަމަށް ސަގާފަތާއި ތަރިކައާއި ފަންނާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޅެންވެރީންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު މި ދުވަހާ ގުޅޭގޮތުން "ސަން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ ޅެންވެރިކަަމަކީ އިންސާނެއްގެ ހަޔާތުގައި އެ މީހެއްގެ ވިސްނުމާއި ފިކުރު މުއްސަނދިކޮށްދިނުމުގައި މުހިންމު ދައުރެއް އަދައިކުރާ އެއްޗެއް ކަމަށެވެ.

އަދި އެ ބައެއްގެ ޅެންވެރިކަން މޮޅުވި މިންވަރަކަށް އެ ކަމުން ހާމަވަނީ އެ ބައެއް ފާޅުކުރާ ޝުއޫރުތަކުގެ މަތިވެރިކަން ކަމަށެވެ.

"ރާއްޖޭގައި ވެސް މި ދެންނެވި ޒަމާނުގައި [ކުރިން] އެ ކަން ވަރަށް ބޮޑަށް އޮތް. ޅެންވެރިކަމުގެ އަގު މަތިވި ވަރަކަށް، އެ ބައެއްގެ ފިކުރުތަކުގެ މަތިވެރިކަން. ހަމައެހެންމެ މޮޅު ޅެންވެރިކަމުން ކަންކަން ރަނގަޅަށް ދޭހަކުރުމާއި، މާނަކުރުމާއި އެއް މާނައަށްވުރެ ގިނަ މާނަ ނަގަން ވިސްނުމާއި އުފެއްދުންތެރިކަން ސިކުނޑިއަށް އާދޭ. ސަބަބަކީ ޅެންވެރިކަމަކީ ބަހެއްގެ އެންމެ މަތީ ދަރަޖަކަމަށް ވާތީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ޅެންވެރިކަން ފާހަގަކުރަންޖެހޭ ސަބަބު ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، މި ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ދިވެހި ޅެންވެރިކަމުގެ ވެސް ފެންވަރު މިހާރަށްވުރެ މަތިކުރުމަށް މިއަދު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ޅެންވެރިކަމުގެ ޅެންތަކަކީ ވެސް ކިޔުންތެރިންގެ ހިތަށް އަސަރުކުރުވާ މާނަފުން ޅެންތަކަކަށް ހަދަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

"މިހާރު ވެސް އެ ފަދަ ޅެންތައް ނެތެކޭ ނޫން. އެހެންނަމަވެސް އަލަށް މި ދާއިރާއަަށް މި ދެންނެވި ފެންވަރުގައި އާ ރޫހެއް އަންނަން ވެއްޖޭ. ޒުވާނުން އަލަށް މި ދާއިރާއަށް ވަންނަ ކުދީންނަށް މި ދެންނެވި ފެންވަރުގައި މި ކަންކަން ކުރުމުގެ ގާބިލްކަން ލިބެންވެއްޖެ،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރުު ވިދާޅުވީ ޅެންވެރިކަން ބިނާވަނީ އެ ބައެއް ދިރިއުޅޭ މާހައުލާކަމަށެވެ.

އެހެންކަމުން އިހުގެ ޅެންވެރިންކަމަށްވާ ޔޫސުފް މުޙައްމަދުފުޅު ފަދަ ބޭފުޅުން ރާއްޖޭގެ ވެއްޓާއި ދިވެހީންގެ އުޅުމާ ގުޅުވައި އުފެއްދެވި ފަދަ ޅެންތައް އަލުން އުފަންކުރުވަން ޖެހޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޅެންވެރިކަން ތަރައްގީވެ، އާ ތައްގަނޑުތައް، ޅެންވެރިކަމުގެ އަސްލު ނުގެއްލޭހެން އުފެދިގެން ދިއުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް