ދިއްދޫ ފެނަކަ މުވައްޒަފުންގެ ވަޒީފާ އަނބުރާ ހޯދަން މަޖިލީހަށް

ހއ. ދިއްދޫ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރުމުން އިހުތިޖާޖު ކުރަނީ: އެ ދާއިރާގެ މެންބަރު މިއަދު ވަނީ އެ މައްސަލަ މަޖިލީހަށް ހުށައަޅާފައި ---- ފޮޓޯ/ ޚަދީޖާ މުޙައްމަދު

ހއ. ދިއްދޫ ފެނަކައިގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުންދިޔަ 70 މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ވަޒީފާއިން ވަކިކުރުމުން، އެ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު އެ މައްސަލަ މިއަދު ރައްޔިތުން މަޖިލީހަށް ހުށައަޅައިފިއެވެ.

ދިއްދޫ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމުން، އެ މީހުން އިއްޔެ ހެނދުނު ވަނީ އެ ރަށުގައި އިހުތިޖާޖުކޮށްފައެވެ.

އެކަމާ ގުޅޭ ކޮމިޓީއަށް ފޮނުވައިދެއްވުން އެދި ވަހީދު މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ދިއްދޫ އިންޖީނުގޭ މަސައްކަތް އަދި ނުނިމޭ ކަމަށާއި މުވައްޒަފުންނަށް ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުން އެ އާއިލާތަކަށް ބޮޑެތި ގެއްްލުންތަކެއް ލިބިގެންދާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެ މުވައްޒަފުންނަށް ނޯޓިސް ނުދީ، ކުއްލި ގޮތަކަށް މިހެން ވަޒީފާތަކުން ވަކިކުރުމުން، އެ މަސައްކަތްތައް ވެސް ހުއްޓި، އަދި ޚުދު މުވައްޒަފުންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ވެސް ނުހަނު ބޮޑު ގެއްލުންތަކާއި ނިކަމެތިކަމެއް މެދުވެރިވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ،" އެ ސިޓީގައި ވަހީދު ވިދާޅުވެފައިވެއެވެ.

ހަމައެއާ އެކު، މި މައްސަލަ ހިނގައި ދިޔަ ގޮތް ބަލައިދިނުމަށާއި، އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށާއި އިންޖީނުގޭ މަސައްކަތް އަވަސް ކޮށްދިނުމަށް އެ ސިޓީގައި ވަހީދު ވަނީ އެދިފައެވެ.

https://sun.mv/187453

މިކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރީ ދިއްދޫ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ.

ދިއްދޫ އިންޖީނުގެ ޕްރޮޖެކްޓާ ގުޅޭގޮތުން އިއްޔެ މުއާޒު ވިދާޅުވީ، ޕްރޮޖެކްޓުގެ ދަށުން 1477.55 ސުކުޔާ މީޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކޮންޓްރެކްޓުގެ ދަށުން 70 މުވައްޒަފުން މި ޕްރޮޖެކްޓުގައި މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. ކޮންޓްރެކްޓު މުވައްޒަފުންގެ އެއްބަސްވުން އާނުކުރާން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އިންޖީނުގޭގެ މަސައްކަތަށް 23,061,304.89 ރުފިޔާ ޚަރަދުވާ ކަމަށާއި އޭގެ ތެރެއިން ޕްރޮޖެކްޓުގެ މުވައްޒަފުންނަށް 23,269,119.42 ރުފިޔާ ޚަރަދުވާ ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.

އެ މީހުން ވަޒީފާއިން ކަނޑާލިކަން އެނގުނީ އިއްޔެ އޮފީހަށް ދިޔުމުން ކަމަށް އެ މީހުން ބުނެއެވެ. އަދި، އެ މީހުންނަށް ކުރިން އެންގުމަކައިނުލައި ވަޒީފާއިން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ މުޒާހަރާގެ ބައިވެރިން ވަނީ ބުނަމުންނެވެ.

https://sun.mv/185815

މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ވެސް ކޮންޓްރެކްޓު ހަމަވެގެން 40 އަށްވުރެ ގިނަ ރަށުން 900 އަށް ވުރެ ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އޭރު 'ސަން'އަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވަނީ ނިމުނު ރިޔާސީ އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން ނަގާފައި ކަމަށް ފެނަކައާ ހަވާލުވި އާ މެނޭޖުމަންޓުން ވަނީ ތުހުމަތުކުރިއެވެ. ރަށްރަށުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ އެކިއެކި މަޝްރޫއުތަކަށް ނެގި ގިނަ އަދަދެއްގެ މުވައްޒަފުންގެ ކޮންޓްރެކްޓު ހުސްވި ނޮވެމްބަރު 30 ގައި ވަނީ ހަމަވެފައެވެ.

ކުރީ ސަރުކާރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކައިގައެވެ. އެ ސަރުކާރު ނިމުނުއިރު ފެނަކައިގައި 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް