ސީރިއާގައި ތިބި ފަސް އާއިލާ ގެންނަން ޚަރަދުކުރީ 1.8 މިލިއަން ރުފިޔާ

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ ވިދާޅުވީ ހަނގުރާމައަށް ގޮސް ތިބި 90 އަށްވުރެ ގިނަ މީހުން އަންނަން ބޭނުންވެފައި ތިބި ކަމަށް -- ސަން ފޮޓޯ؛ އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއެއް އެނބުރި އަންނަން ބޭނުންވުމުން، އެ 21 މީހުން ރާއްޖެ ގެނައުމަށް ހޭދަކުރީ 1.8 މިލިއަން ރުފިޔާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ސީރިއާއިން ރާއްޖެ ގެނައި ދިވެހީންގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ގާތްގަނޑަކަށް 120،000 ޑޮލަރު ކަމަށެވެ.

އާއިލާތައް ރާއްޖެ ގެނައީ ޕްރައިވެޓް އެއާލައިނެއްގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ. އެންމެ ބޮޑު ޚަރަދެއް ހިނގީ އެ ޚަރަދަށެވެ.

އެ އާއިލާތަކުން އަނބުރާ ގައުމަށް އަންނަން ބޭނުންވުމުން އެ މީހުން ގެނައީ، ދިވެހީންކަން ކަށަވަރުކުރަން ޑީއެންއޭ ޓެސްޓު ހަދައިފައެވެ.

މިގޮތުން، ދިވެހީންކަން ކަށަވަރު ކުރެވިފައި ތިބި 21 މީހަކު އަނބުރާ ގައުމަށް ގެނެސްފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. އެއީ، ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހުންނެވެ. އޭގެ ތެރެއިން 15 ކުދިންނަކީ ކުޑަކުދިން ކަމަށާއި ބާކީ ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އަންހެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، އެ 15 ކުޑަކުދިންނަކީ އެ ފަސް އަންހެނުންގެ ދަރިންނެވެ.

"އޭގެ ތެރޭގައި އުމުރުން ތިން އަހަރުގެ ކުއްޖަކު ވެސް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/187455

އިހުސާން ވިދާޅުވީ، އެ މީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރެވުމާ އެކު އެ މީހުން އަނބުރާ ގައުމަށް ގެންނަން ތުރުކީގެ ސަރުކާރާ އެކު މަޝްވަރާ ކުރެވި، ފުލުހުން ފޮނުވައިގެން އެ މީހުންގެ ހާލުއަހުވާލު ބަލާފައިވާ ކަމަށެވެ.

އެ މީހުން ގެންނަން ބޭނުންވާ ފައިސާ ހޯދައި، ހާއްސަ ފްލައިޓެއް އާދިއްތަ ދުވަހު ތުރުކީއަށް ވަނީ ފޮނުވައިފައެވެ. އެ ފްލައިޓުގައި އެ އޮޕަރޭޝަނަށް ބޭނުންވާ 15 ފުލުހުން ދިޔައެވެ. އޭގެ ތެރޭގައި ސިއްހީ، ސެކިއުރިޓީ އަދި ނަފުސާނީ އެހީތެރިކަން ދެވޭނެ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ 21 މީހުން މިއަދު ފަތިހު މާލެ އައިސްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ މީހުން ގެންދާނީ ކ. ހިންމަފުށީގައި ހުރި ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށެވެ.

comment ކޮމެންޓް