އަމީންގެ މައްޗަށް އިއްވި 27 އަހަރުގެ ހުކުމް އިސްތިއުނާފަށް

ޓެރަރިޒަމް ގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން ---

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް ވެރިއެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވެ، އަފްޣާނިސްތާނަށް މީހުން ޖިހާދަށް ފޮނުވާ ކަމުގެ ތުހުމަތުގައި ކުރި ޓެރަރިޒަމްގެ ދެ ދައުވާ ވެސް ސާބިތުވެ، ޏ. ފުވައްމުލަކު، ކުރިއްޔާވިލާ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އަމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 27 އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް 27 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމާ އެކު ޖަލުގައި ހޭދަކުރަން ޖެހޭނީ 23 އަހަރެވެ.

މިދިޔަ އަންގާރަ ދުވަހު، އަމީންގެ ފަރާތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން މިހާތަނަށް ގޮތެއް ނިންމައިފައެއް ނުވެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އެ މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ. އަދި، އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ)އިން އެކުލަވައިލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސްއިން ހިންގަމުން އަންނަ ގޮތްޕަށް އަމީން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއަށް ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

comment ކޮމެންޓް