ވިލިމާލޭގައި ހިންގަން ނިންމާފައިވާ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފި

ވިލިމާލެއާއި މާލެ ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދިޔުމުން އެ ރަށުގެ "އީކޯ ފްރެންޑްލީ އައިލެންޑް" ކޮންސެޕްޓް ގެއްލިދާނެކަމާ މެދު އެ ރަށުގެ ދެ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވިލިމާލޭގެ ދެ ޖަމިއްޔާ ކަމަށްވާ 'ވިލިޖޯލި' އަދި 'ސޭވް ދަ ބީޗް'އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވިލިމާލެ ތަރައްގީކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އެއްގަމު އުޅަނދު ދުއްވުމަށް ވަކި މިންވަރެއްގައި ކޮންޓްރޯލްކޮށްފައި އޮންނަ ގޮތެއްގައި ކަމަށެވެ.

އަދި ރަށުގެ ބައެއް މަގުތަކުގެ މެދުގައި ކުރީއްސުރެ ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އުމްރާނީ ތަރައްގީ ބިނާކޮށްފައި ވަނީ އެ ގަސްތަކަކީ ވެސް ރަށުގެ އުމްރާނީ ތަރައްގީގެ ބައެއްގެ ގޮތުގައި ދެކި، ގަސްތައް ވެސް ބަހައްޓައިގެން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު މަގު ބޭނުންކުރާ މީހުންނަށް ހިޔާކަމާއި ފިނިކަމާއި އުފާ ގެނެސްދޭނެ ވިސްނުމަކުން މަގު ހެދުމަކީ މުހިންމު ކަމެއް ކަމުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވިލިމާލޭގެ މަގުތައް ހެދުމަށް ބޭނުންވާ ސާވޭތަކާއި އިއައިއޭ ހެދުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައިވާއިރު، އެ ދެ ޖަމިއްޔާއިން ބުނި ގޮތުގައި ވިލިމާލޭގެ މަގުތަކަކީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކެކެވެ. ނަމަވެސް މަގުތަކަށް މަރާމާތުތަކެއް ބޭނުންވާ ކަމަށާއި އެއީ ޕޭންމަންޓުތައް ހެދުމާއި މަގުތައް އެއްވަރުކުރުމާއި، ހަލާކުވެފައިވާ ކާނުގަނޑުތައް މަރާމާތުކުރުން ފަދަ ކަންތައްތައް ކަމަށް އެ ބަޔާނުގައިވެއެވެ.

"މި އަހަރު ފެށިގެން އައި ދުވަސްވަރު ރާއްޖޭގެ ރަށްތަކަށް ވެހުނު ބޯ ވިއްސާރާގައި ވެސް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް އެތައްކެއް ދަތިތަކާ ކުރިމަތިވި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައިރުވެސް އެހާމެ ކައިރީގައި އޮތް، އެ ރަށެއްގެ ވެށި ދެމެހެއްޓިފައިވާ ވިލިމާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައެއް ނުވޭ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާތަކުން ބުނީ، މާލެ ސަރަޙައްދުގައި އޮތް ހަމައެކަނި އެފަދަ ރަށުގައި މަގު ހެދުމުގެ ޕްރޮޖެކްޓެއް ހިންގާއިރު މާލޭގެ ތަޖުރިބާއަށް ބެލުން މުހިންމު ކަމަށެވެ.

"ކޮންމެ ރަށަކީ ވެސް އެ ރަށެއްގެ ކެޕޭސިޓީއަށްވުރެ ބޮޑަށް ބޭނުންކުރެވޭ ރަށްރަށް ކަމުގައި ވާނަމަ މާލޭގައި ހުރި މައްސަލަތައް އެއިން ކޮންމެ ރަށަކަށް ވެސް ދިމާވާނެ،" ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާތަކުން ބުނީ، މިހާތަނަށް އައި ކޮންމެ ސަރުކާރަކުން ވެސް ވިލިމާލެ ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމުގައި އެ ރަށުގެ އަސްލު "އީކޯ ފްރެންޑްލީ އައިލެންޑް" ކޮންސެޕްޓް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ވިލިމާލޭގައި ހިންގާ ތަރައްގީގެ މަސައްކަތްތައް އެ އުސޫލުން ރާވައި ހިންގުމަށް ވަނީ ގޮވާލާފައެވެ.

"ވިލިމާލޭގެ ތަރައްގީއާ ގުޅިފައިވާ މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ފުޅާ ދާއިރާއެއްގައި ބާއްވައި ހިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ދެއްވައިގެން ކުރިއަށް ގެންދިޔުމަކީ މުހިއްމު ކަމެއް،" އެ ދެ ޖަމިއްޔާއިން ބުންޏެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާރްޑީސީއާ ހަވާލުކުރި މަސައްކަތުގެ ބޭނުމަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތާއި، މަގު ހެދުމަށް ހިނގާނެ ޚަރަދު ދެނެގަތުމެވެ. އެ ކޮންޓްރެކްޓުގެ އަގަކީ 1.79 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް