ވީއައިއޭގެ ސީޕްލޭން ދަތުރުތަކުގެ އާ ރެކޯޑެއް ހަދައިފި

ޓީއެމްއޭގެ ސީޕްލޭނެއް: ވީއައިއޭގެ ސީޕްލޭން ޓްރެފިކް މޫވްމަންޓަށް އާ ރެކޯޑެއް މިދިޔަ އަންގާރަ ދުވަހު ވަނީ ގާއިމުކޮށްފައި -- ފޮޓޯ/ ޓީއެމްއޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އެއް ދުވަސްތެރޭ ކުރި ސީޕްލޭން ދަތުރުތަކުގެ އާ ރެކޯޑެއް ހަދައިފިއެވެ.

ވީއައިއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސީޕްލޭން ދަތުރުތަކުގެ އާ ރިކޯޑެއް މިދިޔަ އަންގާރަ ދުވަހު ހަދާފައިވާ ކަމަށެވެ. އެއީ، ޖުމުލަ 649 ސީޕްލޭން ދަތުރާއެކުގައެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނި ގޮތުގައި އެންމެ ފަހުން އެ ރެޑޯކު ގާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ 637 ދަތުރާއެކުގައެވެ.

އެމްއޭސީއެލުން ބުނީ އެ ރެކޯޑް ހާސިލްކުރެވުނީ ރާއްޖޭގެ ސީޕްލޭން ޚިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއި މަންޓާ އެއާ އާއި މޯލްޑިވިއަންގެ އެހީތެރިކަމާ އެއްކޮށް ކަމަށެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާއިރު، އޭގެ ތެރޭގައި އެ އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގައި މިހާރު ދެމުން އަންނަ ހުރިހާ ޚިދުމަތެއް ހުޅުމާލެ ކައިރި އޮތް އެހެން ރަށަކަށް ބަދަލުކުރުން މި ސަރުކާރުން ހިމަނާފައިވެއެވެ.

ވީއައިއޭގެ ތަރައްގީގެ މަޝްރޫއު އިއުލާން ކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ސީޕްލޭން ޓާމިނަލާއި، ފުނަދުއާއި، މާލެއާއި ހުޅުލެއާ ގުޅުވާލައި، ބްރިޖެއް ތަރައްގީކުރާނެ ކަމަށެވެ. އަދި މޮނޮރެއިލް ޚިދުމަތާއެކު ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމެއް ގާއިމުކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލް ބަދަލުކުރަން ނިންމިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުންވަނީ، ވީއައިއޭގައި ސީޕްލޭންގެ ޚިދުމަތް ޒަމާނީކުރުމަށް މުޅިން އާ ޓާމިނަލެއް ވެސް ތަރައްގީކުރައްވައިފައެވެ. އެ ކަމަށް ބޮޑު ޚަރަދެއް ކޮށްފައިވެއެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަކީ 20 އަހަރު ދުވަހަށް ބަހައިލައިގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް