ޚިދުމަތް ފަށާނެ ކަން އިއުލާން ކުރިތާ ނުވަ މަސް ފަހުން، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ޚިދުމަތް ދޭން އަލުން ފުރުސަތު ހުޅުވާލައިފި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެކަން އިއުލާން ކުރިތާ ނުވަ މަސް ދުވަސްވީއިރު އެކަން ނުވެވަނިކޮށް, އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާން ކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން އިއުލާން ކުރިގޮތުގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ފަށާނެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު މިނިސްޓްރީން ވަނީ ރާއްޖޭގައި ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލައިފައެވެ. އޭގެފަހުން، މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށް ވިދާޅުވެފައެވެ.

https://www.sun.mv/204713

ނަމަވެސް މިނިސްޓްރީން އިއުލާން ކުރި މުއްދަތު ފަހަނަ އަޅައި ދިޔަތާ ނުވަ މަސްވީއިރު ވެސް އެ ޚިދުމަތް ފެށިފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު މި ވަނީ އަލުން އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައެވެ. މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ އެމާޖެންސީ ޚިދުމަތާއި ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތް ކުރިއެރުވުމަށް ކުރިއަށްގެންދާނެ ހެލިކަޕްޓަރު ޚިދުމަތަކަށް އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާ ކަމަށެވެ.

މިއީ މިނިސްޓްރީން ހެލިކޮޕްޓަރު ޚިދުމަތް ފަށަން އިއުލާންކުރި ދެވަނަ ފަހަރެވެ.

އެ މިނިސްޓްރީގެ މަގުސަދަކީ ހެލިކަޕްޓަރު މެދުވެރިކޮށް އެއާ އެމްބިއުލާންސް ޚިދުމަތާއި މީހުން ހޯދައި ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފަތުރުވެރިން އުފުލުން ކަމަށް މިއަދު ކުރި އިއުލާނުގައިވެއެވެ.

އެ ޚިދުމަތް ދޭ ފަރާތަކަށް، ފަތުރުވެރިން ހެލިކަޕްޓަރުގައި އުފުލަން 10 އަހަރުގެ އެކްސްކްލޫސިވް އެއްބަސްވުމެއް ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ އިއުލާނުގައި ވަނީ އީއޯއައި މަރުހަލާއަށް ފަހު، ޕްރޮޕޯޒަލް ހުށަހެޅުމުގެ މަރުހަލާ ފަށާނެ ކަމަށް ބުނެފައެވެ. އެ ޕްރޮޕޯޒަލް ހަދަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅައިފައިވާ އިސްތިރާޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އިއުލާނުގައިވެއެވެ.

މިނިސްޓްރީން ބުނީ އީމެއިލް މެދުވެރުކޮށް ނުވަތަ މިނިސްޓްރީ ހިންގާ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ތިން ވަނަ ފަންގިފިލާއަށް އީއޯއައި ހުށަހެޅޭނެ ކަމަށެވެ. އީއޯއައި ހުށަހެޅުމަށް މުހުލަތު ދީފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ 14:00އާ ހަމައަށެވެ.

https://sun.mv/195131

މިހާރު ރާއްޖޭގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ހެލިކަޕްޓަރު އޮޕަރޭޝަންތަކަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމުން، މި ސަރުކާރުން ވެރިކަމަށް އައީ ސިފައިން ފޮނުވާލާނެ ކަމުގެ ވައުދާއެކުގައެވެ. އެގޮތުން އެ ހުރިހާ ސިފައިން ފޮނުވައިލައި، ހެލިކޮޕްޓަރު ދުއްވަން މަދަނީ މީހުން ގެނެސްފައިވާ ކަމަށް މިދިޔަ އަހަރުގެ މެއި މަހު ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

comment ކޮމެންޓް