ބައިނަލްއަގުވާމީ އެއާލައިނެއް, ރާއްޖެ އައިއިރު ޕައިލެޓުންނަށް ދެ ދިވެހިން!

ފްލައި ދުބާއީގެ ފްލައިޓްގައި ކެޕްޓަން ޖިނާނާއި ފަސްޓް އޮފިސަރު ޝިނާޒް ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔުން-- ފޮޓޯ/ އެމްއޭސީއެލް

އިއްޔެއަކީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ޚާއްސަ ދުވަހެކެވެ. އެއީ, ބައިނަލްއަގުވާމީ އެއާލައިނެއް, ޝެޑިއުލް ދަތުރެއްގައި ރާއްޖެއަށް އައިއިރު އެ ފްލައިޓް ދުއްވަން ތިބި ދެ ޕައިލެޓުންނަކީ ދިވެހީންނަށް ވުމެވެ.

އިއްޔެ ފްލައިދުބާއީގެ ފްލައިޓް, އެފްޒެޑް1569, ޔޫއޭއީއިން ފުރައިގެން ރާއްޖެ އައިއިރު އެ ފްލައިޓް ދުއްވަން ތިބީ, ދެ ދިވެހިން ކަމަށްވާ ކެޕްޓަން ޖިނާން ޝަރީފާއި ފަސްޓް އޮފިސަރު މުޙައްމަދު ޝިނާޒެވެ.

ދިވެހި ދެ ޕައިލެޓުންނާ އެކު އެ ފްލައިޓް އިއްޔެ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ފްލައި ދުބާއީގެ ފްލައިޓްގައި ކެޕްޓަން ޖިނާނާއި ފަސްޓް އޮފިސަރު ޝިނާޒް ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔުން-- ފޮޓޯ: އެމްއޭސީއެލް

ބައިނަލްއަގުވާމީ އެއާލައިންތަކުގައި ދިވެހި ޕައިލެޓުންނާއި ކެބިން ކުރޫއިން މަސައްކަތްކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު، އިއްޔެ އައި ފްލައިޓް ޚާއްސަ ވަނީ ކޮމާޝަލް, ޝެޑިއުލް ފްލައިޓެއްގައި ދިވެހި ދެ ކެޕްޓަނުން ދުއްވި ފްލައިޓެއް ރާއްޖެ އައީތީއެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އަންނަނީ މިކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވަމުންނެވެ.

އެގޮތުން، އިނަ މޯލްޑިވްސްގެ ވެރިޔާ, މުޙައްމަދު ފިރާގު ވިދާޅުވި ގޮތުގައި ދިވެހި ޕައިލެޓުން ބައިނަލްއަގުވާމީ އޭވިއޭޝަން އިންޑަސްޓްރީގައި ހޯދަމުން އަންނަ ކުރިއެރުން ފެނި, ދިވެއްސެއްގެ ހައިސިއްޔަތުން ފަހުރުވެރިވާ ކަމަށެވެ.

އެގޮތުން، އިއްޔެ ދިވެހި ދެ ޕައިލެޓުން ދުއްވި ފްލައިޓެއް ރާއްޖެ އައުމަކީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މިފަދަ އެންމެ ޚާއްސަ އެއް ދުވަހަކީ, ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމަށް ފުރަތަމަ ޖެއްސި, ދުނިޔޭގެ އެންމެ ބޮޑު ބޯޓު، އެއާބަސް އޭ380، ދުއްވުމަށް ދިވެއްސަކު އިނުމެވެ. އިއްތިހާދުގެ އެ ފްލައިޓް ރާއްޖެ އައީ އިނގިރޭސި ޕައިލެޓަކާއެކު, ކޯ ޕައިލެޓަކަށް އިންނެވި, އޭރު އުމުރުން 35 އަހަރުގެ އަލީ އަހުސަނާ އެކުއެވެ. އާ ރަންވޭއާ ކައިރިވުމާ އެކު، ބޯޓު ޖެއްސުމުގެ ހުރިހާ އިޚުތިޔާރެއް އިނގިރޭސި ޕައިލެޓް ދެއްވީ އަހުސަނަށެވެ.

comment ކޮމެންޓް