ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމަށް ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ މަގު ހުޅުވާލަނީ

ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ މަގު ހުޅުވަން ސާފު ކުރަނީ-- ފޮޓޯ/ ޕަބްލިކް ވޯކްސް މިނިސްޓްރީ

އަމީނީމަގު ހަދަމުން އަންނާތީ ކުރިމަތި ވަމުން ދާ ޓްރެފިކްގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ މަގު ހުޅުވާލަން ނިންމައިފިއެެވެ.

މިކަމާ ގުޅިގެން ޕަބްލިކް ވޯކްސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވާ ގޮތުން މިއީ މާލޭ އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓާ ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމައްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން ކުރަން ފެށި މަސައްކަތެކެވެ.

އެގޮތުން ހިރިޔާ ސްކޫލާ އިންވެގެން ބަންދު ކޮށްފައިވާ ގޯޅި އަލުން ހުޅުވުމަށް އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން ކުރަމުންދާކަމަށް މިނިސްޓްރީގެ އެ ޕޯސްޓުގައި ވެއެވެ.

އަދި ޕަބްލިކް ވޯކް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށްވެސް ވަޑައިގެންފައެވެ.

މީގެ ކުރިންވެސް އަމީނީ މަގުގައި ތާރު އެޅިއިރު، ވެހިކަލްތަކަށް އުނދަގުވެ، ޓްރެފިކްގެ ބާރު ބޮޑުވާތީ، ސްޓެލްކޯގެ އިމާރާތާ ޖެހިގެން ހުޅަނގަށް އޮންނަ މަގުވެސް ވަނީ ވަގުތީ ގޮތުން ހުޅުވައިލައިފައެވެ.

comment ކޮމެންޓް