ނޯބެލް ސުލްހައިގެ އިނާމު ހޯއްދެވި ބަންގްލަދޭޝްގެ ޔޫނުސް ޖަލަށްލާން ހުކުމްކޮށްފި

ނޯބެލް ސުލްހައިގެ އިނާމު ހޯދައިފައިވާ ބަންގްލަދޭޝްގެ މަޝްހޫރު ޕްރޮފެސަރު މުހައްމަދު ޔޫނުސް ހަ މަސް ދުވަހަށް ޖަލަށް ލާން ބަންގްލަދޭޝްގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ޔޫނުސް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނާބެހޭ ގާނޫނާ ހިލާފުވެގެނެވެ.

ނަމަވެސް އެ މައްސަލައަކީ ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ހުށަހެޅި މައްސަލައެއް ކަމަށް ޔޫނުސްއަށް ތާއީދުކުރާ މީހުން ބުނެއެވެ.

އެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ ޔޫނުސްގެ އިތުރުން އޭނާގެ ގްރަމީން ޓެލެކޮމްގައި މަސައްކަތްކުރާ ތިން މީހަކަށެވެ. ނަމަވެސް މި ހަތަރު މީހުންނަށް ވެސް ބަންގްލަދޭޝްގެ ގާނޫނީ ހަމަތަކުގެ މަތިން ދެވެން އޮތް ލުއި ހޯދައިދިނުމަށްޓަކައި ވަގުތުން ކަފާލާތުގެ ދަށުން ދޫކޮށްލެވިފައި ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓާ ހުރުޝިދު އަލަމްޚާން ވިދާޅުވިއެވެ.

ޔޫނުސްއަށް ކުރާ ދައުވާ އަކީ ގުރަމީން ޓެލެކޮމްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެމީހުންގެ ވެލްފެއާ ކަންކަން ކަށަވަރު ކުރުމަށް ޓަކައި އެ ކުންފުނީގައި ވެލްފެއާ ފަންޑެއް އުފައްދާފައި ނުވާތީ ކޮށްފައިވާ ދައުވާއެވެ.

އެކަމާ ގުޅިގެން ޔޫނުސް ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ވަކީލުން ކޯޓުގައި ސާބިތުކަމާ އެކު ވަކާލާތު ކުރައްވާފައިވާ ފަދައިން، އޭނާއާ ދެކޮޅަށް އިއްވި ހުކުމަކީ ގާނޫނީ ހުރިހާ ހަމަތަކާއި އުސޫލުތަކާ ހިލާފު ހުކުމެއް ކަމަށެވެ.

އަށްޑިހަ ތިން އަހަރު ޔޫނުސް އަކީ ބަންގްލަދޭޝްގެ އެތައް މިލިއަން މީހުން ފަގީރުކަމުން އަރައިގަތުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވި ފަރާތެކެވެ. އެގޮތުން އާންމުންނަށް ކުދި ލޯނުތަކެއް ކުޑަ އިންޓްރެސްޓަކާއި އެކީ ނެގޭނެ ބޭންކެއް އުފެއްދެވިއެވެ. އަދި މި ބޭންކުން ބަންގްލަދޭޝްގެ އެތައް ބަޔަކު ވަނީ ލޯނު ނަގައި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްދިނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ދުނިޔޭގެ މަޝްހޫރު 160 ޝަޙްސިއްޔަތަކުން ވަނީ ޔޫނުސް އާއި ދެކޮޅަށް ކުރެވޭ ސިޔާސީ ދައުވާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އދ ގެ ކުރީގެ ސެކެޓްރީ ޖެނަރަލް ބަން ކީ މޫން ވެސް ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް