ކެފޭއަކާއި ގެއަކުން ބަނގުރަލާއެކު 3 ބިދޭސީން، އެކަމަކު ބަންދެއް ނުކުރި

ފުލުހުން ހިންގި ބަނގުރަލުގެ އޮޕރޭޝަން — ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސާވިސަސް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި، ހުޅުމާލޭ ކެފޭއަކުން ބަނގުރަލާ އެކު، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމަކު، ކޯޓުން އެ މީހުން ބަންދުނުކޮށް ދޫކޮށްލާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން މިއަދު ބުނެފިއެވެ.

މި މީހުން އަތުލައިގެންފައިވަނީ ގަވައިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑުރަގު އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައެވެ.

އެގޮތުން ފުރަތަމަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭ ކެފޭއަކުން ބަނގުރަލާއެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިއާގެ 21 އަހަރުގެ ފިރިހެނަކެވެ. އަދި، އެ ކެފޭ ބަލައިފާސްކުރިއިރު ހަތް ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުކޮށް ދޫކޮށްލައިފައެވެ.

ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، 34 ފުޅި ބަނގުރަލާ އެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމާ ގުޅިގެން އެ މީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް