ބިދޭސީން ހަދާ މެޑިކަލް ޓެސްޓުގައި ފައިލޭރިއާ ހިމަނަނީ

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ހޭލުންތެރި ކުރުމަށްޓަކައި "މުކައްބަ" މީޑިއާ ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ވާހަކަދައްކަވަނީ-- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ބިދޭސީން އެތެރެވާއިރު ހަދާ ވޯކް ޕާމިޓް މެޑިކަލްގައި ފައިލޭރިއާ ނުވަތަ ފައިފަލަ ބަލީގެ ސްކްރީނިން ހެދުން ހިމަނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ބަލީގެ ކޭސްތަކެއް އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައި ވަނީ ކުޅުދުއްފުށި ސިޓީން މި މަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު މިހާތަނަށް ފައިލޭރިއާގެ 32 ކޭހެއް ރާއްޖެއިން ވަނީ ފެނިފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ހޭލުންތެރި ކުރުމަށްޓަކައި "މުކައްބަ" މީޑިއާ ކެމްޕެއިން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ޚަލީލް ވިދާޅުވީ، ފައިލޭރިއާގެ ކޭސްތަކާ ގުޅިގެން އަޅާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ކެބިނެޓުން ނިންމާފައި ވަނީ ރާއްޖެއަށް ވަކި ހިސާބަކުން ފެށިގެން އެތެރެވާ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް ޓެސްޓު އަހަރުން އަހަރަށް ހެދުމަށް ކަމަށެވެ. އެގޮތުން ހަދާ ޓެސްޓުތަކުގެ ތެރޭގައި ފައިލޭރިއާއަށް ވެސް ސްކްރީނިން ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފައިލޭރިއާއަށް އެހާބޮޑަށް މި ފޯކަސް ކުރަނީ ރާއްޖޭގައި އެލިމިނޭޓް ވެފައޮތް ނޫނީ ނައްތާލެވިފައި އޮތް ބައްޔަކަށްވާތީއާ ވެސް އެއްކޮށް. އެހެންވީމަ ނައްތާލެވިފައި އޮތް ބައްޔެއް ރާއްޖެއަށް އެއްވެސް ވަރަކަށް އެތެރެވުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން،" ޚަލީލް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރަށް ކަންބޮޑުވުން އެބައޮތް ފައިލޭރިއާ ފެތުރެމުންދާ ދިޔުމާ ގުޅޭގޮތުން. އަޅުގަނޑު ދަންނަވަން އޮތީ އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައި ނުގަންނަވާށޭ."

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ހޭލުންތެރި ކުރުމަށްޓަކައި "މުކައްބަ" މީޑިއާ ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި ހެލްތު މިނިސްޓަރު ޑރ. އަބްދުالله ޚަލީލް-- ފޮޓޯ/ ހެލްތު މިނިސްޓްރީ

ޚަލީލް ވިދާޅުވީ ބިދޭސީންގެ މެޑިކަލް ޗެކަޕްގައި ދެން އިތުރަށް ޓެސްޓުކުރުމަށް ހިމެނޭނީ ކޮން ބަލިތަކެއްތޯ ބެލުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ފައިލޭރިއާއަކީ ރާއްޖެއަށް އެތެރެވެފައިވާ ބައްޔެއް ކަމަށާއި އެއީ ރާއްޖޭގަ ފެތުރޭ ބައްޔެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްޞަ މެކޭނިޒަމެއް އޮތް ކަމަށެވެ. އަދި ރާއްޖޭގައި އެ ބައްޔަށް ބޭހާއި ޓެސްޓު ކިޓުތައް ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި އިތުރު ބޭހާއި ކިޓުތައް ގެނައުމަށް އަޅުގަނޑުމެން އެމަޖެންސީ ބައެއް ފަންޑުތަކާ ވެސް އެބަ ވާހަކަދައްކަން،" ޚަލީލް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ސިއްހީ ކަންތައްތައް ވަރުގަދަ ކުރުމަށްޓަކައި މިހާރު މިއޮތް ނިޒާމަށް ވުރެ ވަރުގަދަ ނިޒާމެއް ހެދިގެން ދާނެ ވާހަކަ ދަންނަވަން."

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ގޮތުގައި ފައިލޭރިއާ ބަލީގެ 25 ކޭހެއް މިހާތަނަށް ކުޅުދުއްފުށިން ފެނިފައިވާއިރު މާލޭ ސަރަހައްދުން ހަތް ބިދޭސީއަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެ ބައްޔަށް މިހާތަނަށް ދިވެއްސަކު ޕޮޒިޓިވްވެފައިނުވެއެވެ.

comment ކޮމެންޓް