ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާހާ ގިނަ، ޑަބްލިއުއެޗްއޯގެ އެހީގައި ދިރާސާއެއް ހަދަނީ

ހެލްތް މިނިސްޓަރު ޑރ. ޚަލީލް: ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އާދަޔާ ޚިލާފަށް އިތުރުވެފައިވާ މައްސަލައިގައި ދިރާސާތަކެއް ކޮށްދިނުމަށް ޑަބްލިއުއެޗްއޯގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ، ދިރާސާތަކެއް ކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ދިރާސާ ހަދަން ފައިސާ ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ރާއްޖޭގައި ނިސްބަތުން ވަރަށް ބޮޑަށް އިތުރެވެ. އަދި، އެ އަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައެވެ. އެ ގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. މީގެ ތެރެއިން 17 އިންސައްތައަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

ކެންސަރުގެ ފަރުވާ ވަރަށް އަގުބޮޑުކަމާއި، އެ ފަރުވާއަށް ބޮޑު ޖާގައެއް ވެސް ބޭނުންވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އާސަންދައިގެ ތެރެއިން އެ ބަލީގެ ފަރުވާ ރާއްޖޭން ބޭރުން ވެސް ހަމަޖެހިގެން ދިއުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އާސަންދައާއި އެންސްޕާގެ ތެރެއިން އެ ކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހެލްތް މިނިސްޓަރު ޑރ. ޚަލީލް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

"އެހެން ހުރި ޕޭޝަންޓުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ވިއްޔާ އަޅުގަނޑުމެންގެ ފަރާތުން ކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ފަރުވާ ރާއްޖޭން އެކަށީގެންވާ ގޮތެއްގައި ދެވެން ނެތްއިރު، ރާއްޖޭން ލިބެންހުރި ކީމޯ ފަދަ ފަރުވާތައް ހޯދުމަށް އަންނަންޖެހެނީ މާލެއަށެވެ. އެ ގޮތުން ކެންސަރު ބަލީގެ މައިގަނޑު ފަރުވާތައް ދެމުން އަންނަނީ ރާއްޖޭން ބޭރުންނެވެ.

ކެންސަރު ބަލީގެ ފަރުވާ ހޯދުމަށް ދިވެހީން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް ތަރައްގީކުރުމަށް މިދިޔަ ސަރުކާރުގައި ވަނީ ނިންމާފައެވެ.

މި ހޮސްޕިޓަލާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދޮޅުމަހެއްގެ ތެރޭގައި އެ މަޝްރޫއުގެ ފީސިބިލިޓީ ޓެސްޓް ހެދުމަށް ފަހު، އެ ބަޖެޓަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތާ ހަމަޔަށް ދެވޭވަރުވާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް 2019 ވަނަ އަހަރު ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ރާއްޖެއައެވެ. އެކަމަކު، ސަރުކާރުގެ ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

ކުރީ ސަރުކާރުން މި ހޮސްޕިޓަލު ލ. ގަމުގައި އަޅަން ނިންމިއިރު، މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮންނަ ހުސް ބިމުގައި އެޅުމަށް ނިންމާފައެވެ.

ކެންސަރުގެ އިތުރުން ވެސް ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން އިތުރެެވެ. އެ ގޮތުން ރާއްޖޭގެ އާބާދީގެ 14 އިންސައްތަ މީހުންނަކީ ހަކުރު ބަލި ތަހައްމަލުކުރާ މީހުންނެވެ.

comment ކޮމެންޓް