ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓްކުރަން ބޭނުންވާ ގާނޫނު ފަރުމާކުރަނީ

ހެލްތް މިނިސްޓަރު ޑރ. ޚަލީލް: ވިދާޅުވީ މިނިސްޓްރީން ބަލަނީ އަލަށް އިންތިޚާބުވީ މަޖިލީހުގެ ތެރެއިން އޯގަން ޓްރާންސްޕްލާންޓް ހެދުމާ ގުޅޭ ގާނޫނެއް ވުޖޫދު ކުރުމަށް ކަމުގައި

ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓުގެ ޚިދުމަތް ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކަމާ ގުޅޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހެލްތު މިނިސްޓްރީން ބަލަނީ އަލަށް އިންތިޚާބުވީ މަޖިލީހުގެ ތެރެއިން އޯގަން ޓްރާންސްޕްލާންޓް ހެދުމާ ގުޅޭ ގާނޫނެއް ވުޖޫދުކުރަން ކަމަށެވެ. އަދި، އެ ގާނޫނާ އެކު އޯގަން ޓްރާންސްޕްލާންޓުގެ ޚިދުމަތް ރާއްޖޭގައި ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އޯގަން ޓްރާންސްޕްލާންޓް ހެދުމަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އެ ގޮތުން، އެ ޚިދުމަތްދޭ ހުރިހާ ގައުމެއްގައި ވެސް އެ ކަން ކުރަމުން އަންނަނީ އެ ކަމާ ގުޅޭ ގާނޫނެއްގެ ދަށުންކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އެ ވުޖޫދަށް އަންނަ ހިސާބުން ނޫނިއްޔާ، އަދި ވުޖޫދަށް އެ ނަޔަސް ވެސް، ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިގެން ނޫނީ ކުރެވޭނެ ޒާތުގެ ކަންތައްތަކެއް ނޫން އެ ހުންނަނީކީ،" މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/192009

ޚަލީލް ވިދާޅުވީ, އޯގަން ޓްރާންސްޕްލާންޓާ ބެހޭ ގާނޫނާއި އަދި އެ ކަމާ ގުޅޭ އުސޫލުތައް މިހާރު އަދި ނެތަސް، ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ޓްރާންސްޕްލާންޓްކުރަން ބޭނުންވާ ފަރާތްތަކަށް އޭގެ ފަންޑާއި، އެހެނިހެން ގޮތްގޮތުން ވެސް ލުއިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރައިވެޓް ސެކްޓަރުގެ ބައެއް ހޮސްޕިޓަލުތަކުން ވަނީ އެ ޚިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން އިއްޔެ ވަނީ ކިޑްނީ ޓްރާންސްޕްލާންްޓް ކުރުމުގެ ޚިދުމަތް އެ ހޮސްޕިޓަލުން ފަށަން މަސައްކަތްކުރާ ކަމަށް ބުނެފައެވެ.

ޓްރީޓޮޕްގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ، އެ ހޮސްޕިޓަލުން ކިޑްނީ ޓްރާންސްޕުލާންޓްގެ ޚިދުމަތް ދޭން ފަށަން ބޭނުންވާކަން ސަރުކާރުގައި ހިއްސާކޮށްފައިވާ ކަމަށެވެ.

ކިޑްނީ ޓްރާންސްޕްލާންޓާއި ލިވާ ޓްރާންސްޕުލާންޓަކީ ވެސް ދުނިޔޭގައި ވަރަށް އާންމުކޮށް ދެމުންދާ ޚިދުމަތެއް ނަމަވެސް ރާއްޖޭގައި އެކަން ނުކުރެވެނީ ގަވައިދުތަކާއި ގާނޫނުތަކުގެ އިތުރުން ޚިދުމަތް ދޭނެ މަރުހަލާތައް ގާއިމްކުރެވިފައި ނެތުމުންނެވެ.

comment ކޮމެންޓް