މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު، އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބަލަން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ބަލަމުން އަންނަނީ ގ. ސިނަމާލެ 01-05-13 ޒައިދާން މުޙައްމަދު ހާޝިމް، ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުން އަންނަ މައްސަލައެކެވެ.
އެ މައްސަލައިގައި މިހާރު ވެސް ގިނަ ބައެއްގެ އަތުން އޭނާ ފައިސާ ނަަގައިފައިވާކަން ފުލުހުންނަށް ހޯދިފައިވާކަމަށް ފުލުހުން ބުންޏެވެ.
އަދި އޭނާ އިތުރަށް އެހެން ބައެއްގެ އަތުން ފައިސާ ހޯދައިފައިވާނަމަ އެ ކަން ފުލުހުންނަށް އެންގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.
ސްކޭމްތަކާއި، ފްރޯޑް ކޯލްތައް މެދުވެރިކޮށް ފޭރުމަކީ ރާއްޖޭގައި ވަރަށް އާންމުވެފައި އޮތް ކަމެެކެވެ. މި ފަދަ ސްކޭމްތަކުގެ ތެރެއިން އެތައް މިލިއަން ރުފިޔާގެ ގެއްލުން ވެސް ބައެއް ދިވެހިންނަށް ވެފައި އެބަހުއްޓެވެ.
ހަމައެއާއެކު ފައިސާއަށް ސަލާން ޖެހުމަކީ ވެސް މިހާރު މަގުތަކުގައި އާންމުކޮށް ފެންނަ މަންޒަރެކެވެ.