2 ނޫސްވެރިންގެ ޝަރީއަތް މާދަމާ ފަށަނީ

އަދަދުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު: ފުލުހުންގެ ތަހުގީގުގައި ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި --- ފޮޓޯ: އަދަދު

އަދަދު ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މައްސަލައިގައި ކޯޓުން ވަނީ އެ ޑޮކިއުމަންޓްރީއާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް އަމުރެއް ނެރެފައެވެ. އަދި ފުލުހުން ވަނީ ނޫހުގެ އޮފީހަށް ވަދެ ތަކެތި ހިފަހައްޓާފައެވެ. ނަމަވެސް މަސްދަރު ހިމާޔަތްކުރުމަށް ނޫހުން ވަނީ ޕާސްވޯޑު ދިނުމަށް ދެކޮޅުހަދާފައެވެ.

  • އަދަދު ނޫހުގެ ދެ ނޫސްވެރިއެއްގެ ޝަރީއަތް މާދަމާ ފަށަނީ
  • ދައުވާ އުފުލާފައިވަނީ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް
  • މައްސަލައާ ގުޅޭ ޑޮކިއުމަންޓްރީގެ ވާހަކަދެއްކުން ކޯޓުން ވަނީ މަނާކޮށްފައި
  • މަސްދަރު ހިމާޔަތްކުރުމަށް ނޫހުން ޕާސްވޯޑު ދިނުމަށް ދެކޮޅުހެދުން

އަދަދު ނޫހުގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން މިއަދު ތާވަލުކޮށްފިއެވެ.

މިއީ އެ ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކާ ގުޅޭ މައްސަލައެކެވެ.

އެ މައްސަަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހެވެ. ދެ ނޫސްވެރިންގެ ޕާސްޕޯޓު ވެސް ވަނީ އަންނަ ޖުލައި 26ގެ ނިޔަލަށް ހިފަހައްޓާފައެވެ.

އެ މައްސަލައިގައި ދެ ނޫސްވެރިންގެ ޝަރީއަތް މާދަމާ ފަށަން ނިންމައި، ކޯޓަށް ހާޒިރުވާން ޗިޓު ވަނީ ފޮނުވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ވަކި ގޮތަކަށް އަމަލުކުރުން މަނާކޮށް ކޯޓު އަމުރެއް ވެސް ނެރެފައެވެ. އެ ގޮތުން، އެ އަމުރުގައި ވަނީ އަދަދު ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމަންޓްރީ އާންމު ނުކުރަން އެންމެންގެ މައްޗަށް އަމުރުކޮށްފައެވެ. އަދި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެ ޑޮކިއުމަންޓްރީގެ ވާހަކަ ނުދައްކަން ވަނީ އަމުރުކޮށްފައެވެ.

https://sun.mv/221851

މީގެ އިތުރުން، މައްސަލައާ ގުޅޭ ލިޔުންތަކާއި ޝަރީއަތާ ގުޅޭ މައުލޫމާތުތަކުގެ އިތުރުން މައްސަލައިގެ ހަސްމުންނާ ގުޅޭ ވާހަކައެއް ދެއްކުން ވެސް ވަނީ މަނާކޮށްފައެވެ.

އެހެންވެ، އެ ފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.

އެ އަމުރާ ޚިލާފުވެގެން މިއަދު އިތުރު ދެ ނޫސްވެރިއަކު ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމާފައިވެއެވެ. އެއީ، އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހްޒާނެވެ. ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދުގެ ނޫސްވެރިން ނުވައްދަން ވެސް އެ އޮފީހުން ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަދަދު ނޫޙަށް ވަދެފައެވެ. އެ ނޫހުން ގިނަ އަދަދެއްގެ ލެޕްޓޮޕާއި ހާޑް ޑްރައިވް ގެންދިޔައެވެ. އެ ތަކެތީގެ ޕާސްވޯޑް ދޭން ވެސް ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވެއެވެ. އެކަމަކު، މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އަދަދު ނޫހުން ނިންމީ އެ ތަކެތީގެ ޕާސްވޯޑު ނުދޭށެވެ.

comment ކޮމެންޓް