ޕޯސްޓްމޯޓަމަށް ފަހު، ދިގުރަށުން ފެނުނު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

އެމްބިއުލާންސްގައި މީހަކު ގެންދަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އދ. ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލައިލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފިއެވެ.

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލައިލާފައި އޮއްވައި މި މަހު ތިންވަނަ ދުވަހު ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެކެވެ. މަރުވެފައިވާ އެ ކުއްޖާ ފެނުނީ ކުނިގޮނޑުންނެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ފުލުހުން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ މައްސަލައިގެ ތުހުމަތަށް 30 އަހަރުގެ ސްރީލަންކާ އަންހެނަކު ހައްޔަރު ކުރީ އެ ގައުމަށް ފުރަންގޮސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައެވެ. ކޯޓުން ވަނީ އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

މީގެ ކުރިން މި ނޫހާ ވާހަކަ ދައްކަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ތުއްތު ކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓްހައުސްތަކުން ނެގި ކުނީގެ ތެރެއިން ކަމަށެވެ.

އުސްމާނު ވިދާޅުވި ގޮތުގައި ތުއްތު ކުއްޖާ ފެނިފައި ވަނީ ކުނި ނެގުމަށްފަހު ސެންޓަރަށް ގެންގޮސް ނައްތައިލުމަށްޓަކައި ކޮތަޅުތަކުން ކުނި ނެގުމުގެ ތެރެއިންނެވެ.

comment ކޮމެންޓް