ޖުމުލަ 1704 ވޯޓުން ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން ލަތީފް

ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް

ދަ ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި އެތެރޭގެ އިންތިޚާބުން ރައީސް ކަމަށް ހޮވިފައި ވަނީ ޕާޓީގެ އިންޓެރިމް ޗެއާ ހަސަން ލަތީފު ކަމަށް އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިރޭ އިއުލާން ކުރެއްވި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް 1704 ވޯޓު ލިބިވަޑައިގެންނެވިއިރު އޭނާއާ ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދަށް ލިބިފައި ވަނީ 1300 ވޯޓެވެ.

އާޒިމް ވިދާޅުވީ އިއްޔެއާ ހިސާބަށް އެ ޕާޓީގައި ތިބީ 5083 މެންބަރުން ކަމަށާއި އޭގެ ތެރެއިން 3209 މެންބަރުން ވޯޓުލި ކަމަށެވެ. އެއީ 54 ޕަސެންޓު މެންބަރުން ކަމަށާއި އެއީ ފަހުގެ ތާރީޚެއްގައި ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ވޯޓުނުލާ މިންވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއިން އިއްޔެ ހެނދުނު 10އިން ހަވީރު ހަތަރަކާ ހަމައަށް ކުރިއަށްގެންދިޔަ އިންތިޚާބުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 32 މަގާމަކަށް 70 މެންބަރުން ކުރިމަތިލައި، ވޯޓުލިއެވެ.

ނަމަވެސް ރޭގަނޑުވީ އިރު ވެސް އިންތިޚާބުގެ ނަތީޖާ ހާމަނުކުރާތީ އެ ޕާޓީގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރިއެވެ. އަދި ނަތީޖާއަށް ބަދަލު ގެންނަ ކަމުގެ ތުހުމަތު ވެސް ބައެއް މެންބަރުން ކުރިއެވެ.

https://sun.mv/185557

އޭގެ ފަހުން ރޭ 10 ޖަހަން އުޅެނިކޮށް ދަ ޑިމޮކްރެޓްސްގެ ރަސްމީ އެކްސް އެކައުންޓުގައި ބުނީ އިންތިޚާބުގެ ނަތީޖާ މިއަދު އިއުލާން ކުރާނެ ކަމަށެވެ.

އެ ޓުވީޓު ކުރިތާ ގަޑިއެއްހާއިރު ފަހުން، ރައީސްކަން ކާމިޔާބު ކުރައްވާފައިވާ ކަމަށް ހަސަން ލަތީފް އިއުލާން ކުރެއްވިއެވެ. ނަމަވެސް އެކަމާ ދެކޮޅު ހަައްދަވައި އަމްރު ވިދާޅުވީ، ވޯޓުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށް ނަތީޖާ ޝީޓުން ދައްކާ ކަމަށެވެ.

ނަމަވެސް މިއަދު އަމްރު ވަނީ، އެ އިންތިޚާބުގެ ނަތީޖާގެ ވާހަކަ ދެން ނުދައްކަވާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/185582

އެމްޑީޕީއާއެކު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ، މިއަހަރު މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

އެ ޕާޓީން މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބިފައި ވަނީ ގާތްގަނޑަކަށް 15،800 ވޯޓެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހާ ހަމައަށް އެ ޕާޓީގައި ތިބީ 3280 މެންބަރުންނެވެ.

comment ކޮމެންޓް