ތަރައްގީގެ މުހިންމު މަޝްރޫތަކަށް އޭއައިއައިބީގެ އެހީ ހޯދަން މަޝްވަރާކޮށްފި

، އޭއައިއައިބީގެ ރައީސް ޖިން ލިކުން އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުކުރައްވަނީ-- ފޮޓޯ/ޒަމީރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެވިދާނެ މަގުތަކާ ގުޅޭގޮތުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ރައީސްއާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވާރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެއްވީ، ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިންނެވެ. އެގޮތުން އޭއައިއައިބީގެ ރައީސް ޖިން ލިކުންއާއެކު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ޒަމީރުވަނީ ސަރުކާރުގެ މުހިންމު މަޝްރޫއުތައް ހިއްސާކުރައްވައިފައެވެ.

އެގޮތުންް ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރައްވަމުން ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ އެހީ ހޯއްދެވުމަށް ހުށަހެޅި މަޝްރޫތަކުގެ ތެރޭގައި އައްޑޫ ސިޓީއާއި ތިނަދޫގައި ސަރަހައްދީ އެއާޕޯޓްތައް އެޅުމުގެ މަޝްރޫއުތައް ހިމެނޭކަމަށެވެ.

އަދި ސަރުކާރުގެ ސޯލާ އެނާޖީ ޓްރާންސިޝަންގެ މަޝްރޫއަށް ފައިސާގެ އެހީ ހޯއްދަވަން ވެސް މަޝްވަރާ ކުރެއްވިކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތާ ގުޅޭ މަޝްވަރާތައް ވެސް ކުރަައްވައިފައެވެ.

އަދި އެ ޓާމިނަލްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އަަންނާނެ ބަދަލުތަކާ ގުޅޭ މަޝްވަރާ ވެސް ކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ސަމިޓުގެ ހަވާސާގައި އެހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެ ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް