މާވަށު ފަޅުން 30 ހެކްޓަރު ހިއްކަން ރައީސް ނިންމަވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ލ. މާވަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުން: ރައީސް ވަނީ އެ ރަށު ފަޅުން 30 ހެކްޓަރު ހިއްކަވާނެ ކަމަށް ވިދާޅުވެފައި-- ސަން ފޮޓޯ: އަމަން ލަތީފް

ރަށާ ގުޅިގެން ވަރަށް ބޮޑު ފަޅެއް އޮންނަ ލ. މާވަށުން 30 ހެކްޓަރު ބިން ހިއްކައި ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ލ. އަތޮޅަށް މިއަދު ރައީސް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު މާވަށެވެ. މީހުން ދިރިއުޅޭ އެހެން ރަށްތަކާ ވަކިން އޮންނަ މާވަރަށް ރައީސް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ވަނީ ރައީސަށް ދަންނަވާފައެވެ.

އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ބައްދަލު ކުރެއްވުމަށް ފަހު ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާވަށުން ކުރިން އޮތީ 15 ހެކްޓަރުގެ ބިން ހިއްކާ ގޮތަށް ކަމަށާއި އޭގެ ބަދަލުގައި އެ ރަށުގައި ކުރިއަށް ގެންދަވާނީ 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކަމަށެވެ.

އެކަން ކުރަން ނިންމީ މާވަށަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ބިންހިއްކުމަށް ފަހު އެ ރަށުގައި ހައުސިން މަޝްރޫއުތައް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާވަށާ ކައިރީގައި ރިސޯޓްތައް ހެދުމުގެ މަޝްރޫއުތައް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ރަށް ކައިރިން ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހުރިހާ ފޯކަސްއަކީ ނަތީޖާ ނެރެދިނުން. އަޅުގަނޑު ބޭނުމެއް ނޫން ލަހުން ކަންކަން ވާކަށެއް. ރައްޔިތުން ވެސް ބޭނުމެއް ނުވާނެ. އެހެންވީމަ ބާރަށް ކުރިއަށް ދެވޭނެ ހުރިހާ މަގެއް ފަހިކޮށްދެއްވާ. އެންމެ ބޮޑު ކަމަކަށް ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން. މިދިޔަ ހަތަރު މަހަކު ނުލިބޭ އެ އެއްބާރުލުމެއް. އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި އެއްބާރުލުން ލިބޭނެ ގޮތް ރައްޔިތުން ހައްދަވައި ދެއްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ބަޖެޓް ފާސް ކުރުމަށާއި ލޯންތައް ފާސް ކުރަން މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ އެއްބާރުލުން މިހާރު ސަރުކާރަށް ނުލިބޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭން ބޭރަށް ދިވެހި ރާއްޖޭން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިހާރު މަޖިލީހުގެ ކޮމެޓީގައި އޮތްއިރު އެ ކޮމެޓީގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

ސަރުކާރުގެ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ކުރިއަށް ދާއިރު 50 މިލިއަން ރުފިޔާއިން މަތީގެ މަޝްރޫއުތައް ކުރިއަށް އޮތްތަނުގައި ބަހާލައިގެން ފައްޓަވާނެ ކަމަށެވެ. އަދި އާމްދަނީ މެނޭޖުކޮށްގެން އިތުރު މަޝްރޫއުތައް އަހަރުގެ ފަހު ކުއާޓަރުގައި ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިހެން ތަރުތީބު ކޮށްގެން އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެން ފައިސާ ޗާޕްނުކޮށް. އާމްދަނީ އިތުރުކޮށް ބޭރުގެ ދަރަނިވެސް ދައްކަމުން [ކުރިއަށް ދާން]،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާން ވިދާޅުވީ އޭޕްރީލް މަހާ ހަމައަށް ޑިއުވެފައިވާ ބޭރުގެ ހުރިހާ ދަރަންޏެއް މިހާރު ދައްކަވާފައިވާ ކަމަށެވެ.

"ރައްޔިތުންގެ ނަމުގައި ނަގާފައިވާ ލޯނުތައް ވެސް ދައްކަމުން އެތެރޭގައި މިހިރަ ބިލްތައް ޕޭކޮށްގެން. މަޝްރޫއުތައް ފަށަމުން އިގްތިސާދު މެނޭޖު ކުރެވޭތޯ މި ބަލަނީ. ވީހާވެސް ރަނގަޅަކަށް."

މި ދަތުރުފުޅުގައި ލ. އަތޮޅުގެ ފަސް ރަށަކަށް މިއަދު ވަޑައިގަތުމަށް ފަހު ރައީސް މާދަން ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. އެނބުރި މާލެ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް