ކުރީގެ ބަތަލާ ރާކީ އެނބުރި ސިނަމާއަށް

ބަތަލާ ރާކީ ގުލްޒާރު އެހާރާއި މިހާރު

ކުރީގެ ރީތި ލޯބީގެ މިއުޒިކަލް ޑްރާމާ ފިލްމު "ކަބީ ކަބީ"ގެ ބަތަލާ ރާކީ ގުލްޒާރު އެނބުރި ފިލްމީ ދާއިރާއަށް އަތުވެއްޖެއެވެ.

ރާކީ ފިލްމީ ދާއިރާއަށް އެނބުރި ނުކުންނާނީ ޑައިރެކްޓަރު ނަންދީތާ ރޯއި އަދި ޝިބޯޕް ޕްރަސާދުގެ ބެންގާލީ ފިލްމު "އަމަރު ބޮސް"އިންނެވެ. މި ފިލްމުގެ މަސައްކަތް ފެށޭ އަހަރުގެ ޖަނަވަރީ މަހު ފަށަން ނިންމާފައިވާއިރު ރާކީ މީގެ ކުރިން ވެސް ވަނީ ބެންގާލީ ފިލްމުތަކުން ފެނިފައެވެ.

ރާކީ އެންމެ ފަހުން ސިނަމާއިން ފެނުނު ބެންގާލީ ފިލްމު "ނީރްބާން"އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ފިލްމެކެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރި ދުވަސްވަރަކީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު ދުވަސްތައް ކަމަށް ބުނަމުން ރާކީ ބުނީ ފިލްމީ މަސައްކަތްތަކާ ދުރަށް ދިޔަ ނަމަވެސް އެކަމާ ހިތާމަ ނުކުރާ ކަމަށެވެ. ރާކީއަށް އެކީގައި މަސައްކަތްކުރަން ބޭނުންވި ވަރަށް ގިނަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު އޭރު ގެއްލުނު ކަމަށާއި ނަމަވެސް އެކަމާ ހިތާމަ ނުކުރާކަމަށް ސިލްވާ ސްކްރީންގެ ބަތަލާ ވަނީ ބުނެފައެވެ.

ރާކީ ގުލްޒާރު ފިލްމު "އަމަރު ބޮސް"ގެ ޑައިރެކްޓަރާއެކު
ޢުމުރުން 76 އަހަރު ވެފައިވާ ބަތަލާ ފިލްމީ މަސައްކަތްތަކާ ދުރަށް ދިޔަ ނަމަވެސް އެ އާއިލާއިން އަބަދު ވެސް އުޅެމުން އަންނަނީ ފިލްމު އުފެއްދުމުގެ ވިޔަފާރީގައެވެ. އެގޮތުން ދަރިފުޅު މޭގްނާ ގުލްޒާރު ފިލްމު އުފެއްދުމުގައި މަޝްއޫލުވަމުން އަންނައިރު ރާކީގެ ފިރިމީހާ އަދި މަޝްހޫރު ޅެންވެރިޔާ ގުލްޒާރަކީ ހިންދީ ސިނަމާގެ ގިނަ ފިލްމުތަކަށް ޅެން ހަދައިދީފައިވާ ފަންނާނެކެވެ. ގުލްޒާރު އެންމެ ފަހުން ލަވަ ތައްޔާރުކޮށްދިން ފިލްމު ތަކުގެތެރޭ ދަރިފުޅު މޭގްނާ ގުލްޒާރުގެ ފިލްމު "ރާޒީ" އަދި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޕޮނިޔިން ސެލްވެން" ހިމެނެއެވެ.

ބެންގާލީ ޑައިރެކްޓަރު ނަންދީތާ ރޯއިގެ ފިލްމު "އަމަރު ބޮސް"ގެ ލީޑް ރޯލުން ރާކީ ފެންނާނެއިރު މި ރޯލާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް