ދަ ޑިމޮކްރެޓްސްއިން ވަގުތީ ނަތީޖާ ހާމަނުކުރަނީސް، ހަސަން ކާމިޔާބީ އިއުލާންކުރައްވައިފި

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރެއްވި އެ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފް -- ފޮޓޯ/ އެކްސް

އެންމެ ފަހުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން އުފެއްދި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ރައީސް ހޮވުމަށް ބޭއްވި ވޯޓު ކާމިޔާބު ކުރައްވައިފި ކަމަށް އެ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފު އިއުލާންކުރައްވައިފިއެވެ.

ހަސަން ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކާމިޔާބީ އިއުލާން ކުރެއްވީ، އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ މާދަމާގެ ވަގުތެއްގައި ކަމަށް އެ ޕާޓީން ބުނެފައި ވަނިކޮށެވެ.

ހަސަން ލަތީފް އެކްސްއަށް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކާ ގޮތުގައި ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށެވެ.

"މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން،" އެ ޕޯސްޓުގައިވެއެވެ.

ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ހުސައިން އަމްރު މުހައްމަދު ރަޝާދެވެ.

މި އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން އަމްރު މިހާތަނަށް ވަކި އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.

ދަ ޑިމޮކްރެޓްސްއިން މިއަދު ހެނދުނު 10އިން ހަވީރު ހަތަރަކާ ހަމައަށް ކުރިއަށްގެންދިޔަ އިންތިޚާބުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 35 މަގާމަކަށް ވޯޓުލާފައިވެއެވެ.

އެމްޑީޕީއާއެކު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ، މިއަހަރު މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

އެ ޕާޓީން މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބިފައި ވަނީ ގާތްގަނޑަކަށް 15،800 ވޯޓެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހާ ހަމައަށް އެ ޕާޓީގައި ތިބީ 3280 މެންބަރުންނެވެ.

comment ކޮމެންޓް